ރައީސް އޮފީސް

ސަރުކާރުގެ ވައުދުތައް ފުއްދުމަށް އިންޑިއާއިން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފި

ޝަހީދާ އަބްދުﷲ ސައީދު

އާސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްދިނުމުގައި އިންޑިޔާއިން އެއްބާރުލުން ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެގައުމުން ދީފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދުމުގައި އިންޑިއާއިން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރަށް ދީފައި ވަނީ އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ އަކިލޭޝް މިޝްރާ އާއި އޭނާގެ އަނބިކަނބަލުން މިސް ރީޓީ މިޝްރާ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތަށް ފަހު ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ކަމަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި އެބައްދަލުކުރެއްވުމުގައި އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ދެއްކެވި ވާހަކައިގައި ވިދާޅުވީ އާސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދުމުގައި އެކުގައި މަސައްކަތްކުރުމަކީ ރާއްޖެއާއި އިންޑިޔާގެ ގުޅުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަކިލޭޝް މިޝްރާގެ ވާހަކައިގައި ވަނީ އާސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ކާމިޔާބުކަމާއެކީ ފުރިހަމަކޮށްދިނުމުގައި އިންޑިޔާއިން އެއްބާރުލުން ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވައިފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި އަކިލޭޝް މިޝްރާއާ ދެބޭފުޅުން ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.