ޔޫއެފާ

އޮގަސްޓް މަހުގެ ކުރިން ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ނުނިމިއްޖެނަމަ ދެ މުބާރާތް ވެސް ކެންސަލް ކުރަނީ

އައިދާ އަބްދުލް ހަކީމް

މެދުކަނޑާލާފައިވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ސީޒަން މިއަހަރުގެ އޮގަސްޓު މަހުގެ ތިންވަނަ ދުވަހުގެ ކުރިން ނިންމައި ނުލެވިއްޖެނަމަ ސީޒަން ކެންސަލުކުރަން ޖެހޭނެ ކަމަށް ޔުއެފާއިން ބުނެފިއެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން މެދުކަނޑާލާފައިވާ ޔޫއެފާގެ ކްލަބު ފުޓުބޯޅަ މުބާރާތްތަކާ ގުޅޭގޮތުން އެ ފެޑެރޭޝަނުގެ ރައީސް އަލެކްސެންދާ ޗުފަރީން ވިދާޅުވީ ހުރިހާ ފުޓުބޯޅަ މުބާރާތްތައް މަޑުޖައްސާލާފައި އޮތުމުން މިހާރު ފަށާފައިވާ މުބާރާތްތައް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށެވެ. ނަމަވެސް އޮގަސްޓުގެ ތިންވަނަ ދުވަހަކީ މުބާރާތުގެ ޑެޑްލައިން ކަމަށް ވާއިރު ލީގު ޕްލޭ އޮފް އަކީވެސް އޮތް ހިޔާލެއް ކަމަށެވެ.

ނޮކްއައުޓު އުސޫލުން މުބާރާތުގެ މެޗުތައް ކުރިއަށް ގެންދިއުމުގެ ވާހަތަކެއް ދާދި ފަހުން ދެކެވިފައިވާ އިރު، އެކަމާ ގުޅޭގޮތުން ޗުފަރީން ވިދާޅުވީ މިހާރުވެސް ކުޅޭ ސިސްޓަމަށް ކުރިއަށް ގެންދެވިދާނެ ކަމަށާއި ނޮކްއައުޓް އަށްވެސް ކުޅުމަކީ އޮތް ގޮތެއް ކަމަށެވެ.

ކޮވިޑް 19 އާ ގުޅިގެން ކުޅިވަރުގެ ހުރިހާ ހަރަކާތެއް ވަނީ މުޅިން ހުއްޓާލައިފައެވެ. އެހެންކަމުން ބައިނަލްއަގުވާމީ ބައެއް މުބާރާތްތައް ބާއްވަން ކަނޑައެޅި ތާރީހު ވެސް މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފައެވެ.