ޚަބަރު

ލަންކާގައި ތިބި ދިވެހިންނަށް 8.9 ޓަނުގެ ކާގޯ ފޮނުވުމަށް މޯލްޑިވިއަން އިން ތައްޔާރު ވެއްޖެ

އައިދާ އަބްދުލް ހަކީމް

ލަންކާއަށް މިއަދު 12.8 ޓަނުގެ ކާގޯ ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަނުން ކުރި ޓްވީޓެއްގައި ބުނީ އޭގެ ތެރެއިން 8.9 ޓަނަކީ ލަންކާގައި ދިރިއުޅޭ ދިވެހީންގެ އާއިލާތަކުން އެ މީހުންނަށް ފޮނުވުމަށް މޯލްޑިވިއަންއާ ހަވާލު ކުރި ތަކެތި ކަމަށެވެ.

ކޮވިޑް 19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކާބޯތަކެތި ލިބުމުގެ ދަތިކަން ކުރިމަތިވެފައި ވާތީ ސަރުކާރުން ވަނީ އެމީހުންނަށް ކެއާ ޕެކޭޖް ފޮނޮވުމުގެ އިންތިޒާމު ހަމަޖައްސައިދީފައެވެ.

އެގޮތުން އިއްޔެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ތަކެތި ފޮނުވުމަށް ގްރޭޓާ މާލެ ބަސް ސްޓޭޝަނުގައި ހުންނަ މޯލްޑިވިއަން ސިޓީ ޗެކިން އޮފީހުގައި ކިއޫގައި ޖެހިފައެވެ.

ކެއާ ޕެކޭޖު ފޮނުވަން އިއްޔެ ގިނައިރު ކިޔޫގައި ތިބެން ޖެހުމުން އާންމުންގެ ޝަކުވާ ލިބުމާއި ގުޅިގެން މޯލްޑިވިއަނުން ބުނެފައިވަނީ ދެން އެފަދަ ފުރުސަތެއް ހުޅުވާލާއިރު ގިނަ އިރު ތިބެން ނުޖެހޭނެ ގޮތަކަށް އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.