ޚަބަރު

ގުރޭޑް 8-1 އާދެމެދަށް ވެސް ޓީވީ މެދުވެރިކޮށް ކިޔަވައިދޭން ފަށަނީ

އައިދާ އަބްދުލް ހަކީމް

ގްރޭޑް އެކަކުން އަށަކާއި ދެމެދުގެ ގުރޭޑްތަކަށް ވެސް މި ހަފްތާގައި ޓީވީ ޗެނަލްތައް މެދުވެރިކޮށް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން "ވަން" އަށް ވިދާޅުވީ ފައުންޑޭޝަނުން ފަށައިގެން ގްރޭޑް އަށަކާއި ހަމައަށް، އެކި ޗެނަލްތައް މެދުވެރިކޮށް ކިޔަވައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ފައުންޑޭޝަންގެ ދަރިވަރުންނަށް ކިޔަވައިދޭނީ ކުޅިވަރު ހިމެނޭ ހަރަކާތްތަކެއް ކަމަށާއި އެފިލާވަޅުތައް ދައްކާނެ ޗެނަލެއް ފައިނަލް ވުމުން އިއުލާނު ކުރާނެ ކަމަށެވެ.

އިހްސާން ވިދާޅުވީ ކީ ސްޓޭޖު އެކެއް އަދި ދޭއް (ގުރޭޑް 1-6)ގެ ދަރިވަރުންގެ ފިލާވަޅުތައް ހާއްސަކުރާނީ ލިޓްރަސީ އާއި ނިއުމަރަސީއަށް ކަމަށެވެ. އަދި ކޮންމެ ކީ ސްޓޭޖަކަށް، މުންނާރު ޗެނަލް މެދުވެރިކޮށް ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން 06:00 އަށް ފިލާވަޅުތައް ދައްކާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ މިހަފްތާގައި ކުލާސްތައް ބޭއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. ޓީވީ މެދުވެރިކޮށް ކުލާސްތަކުގައި ބައިވެރި ނުވެވޭ ކުދިން ބަލައި އެކަންކަން ވެސް ހައްލު ކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން، އަދި ކުލާސްތައް ފަހުން ބެލޭނެ ފަދަ އިންތިޒާމެއް ވެސް ހަމަޖެހޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ،" އިހުސާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ގުރޭޑް ހަތެއް އަދި އަށެއްގައި ކިޔަވާ ދަރިވަރުންގެ ފިލާވަޅުތައް ދައްކަން ހަމަޖައްސާފައިވަނީ ދިވެހި ޗެނަލުން ކަމަށާއި ނަމަވެސް އެ ގްރޭޑުތަކުން ދައްކާނީ ވަކި ހާއްސަ މާއްދާތަކެއް ކަމަށެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް 19ގެ ސަބަބުން ސްކޫލުތައް ބަންދުކޮށްފައިވާ މުއްދަތު ދިގުލައިގެން ދާތީ އެޑިއުކޭޝަނުން ވަނީ މިދިޔަ ހަފްތާގައި ގުރޭޑް ނުވަ އަކުން ފެށިގެން ގުރޭޑް 12ގެ ދަރިވަރުންނަށް ޓެލިކިލާސް މެދުވެރިކޮށް ކިޔަވައިދޭން ފަށައިފައެވެ.