މިންހާ ފާއިޒް ރަޝާދު
ކޮވިޑް19 އާއި ގުޅިގެން ގެވެށި އަނިޔާ އިތުރުވަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޑރ ޓެޑްރޮސް އަދަނޮމް އެހެން ވިދާޅުވީ ކޮންމެ ދުވަހު އެ ޖަމިއްޔާއިން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމުގައެވެ.
ޓެޑްރޮސް ވިދާޅުވީ ކޮވިޑް19 ފެތުރެންފެށުމާއެކު ގެވެށި އަނިޔާ އިތުރުވަމުންދާ ކަމުގެ ޝަކުވާ ބައެއް ގައުމުތަކުން ހުށަހަޅަމުން އަންނަ ކަމަށެވެ.
"ގޭގައި މަޑުކުރަން މިބުނަނީ މީހުން ކައިރީ، އެހެންކަމުން ބައިވެރިޔާގެ ފަރާތުން ލިބެމުންދާ ގެވެށި އަނިޔާ އިތުރުވުން އެކަށީގެންވޭ." ޓެޑްރޮސް ވިދާޅުވިއެވެ،
"އެހެންކަމުން ގައުމުތަކަށް މިގޮވާލަނީ ކޮންމެހެން ދޭން ޖެހޭ ހިދުމަތެއްގެ ގޮތުގައި ގެވެށި އަނިޔާގެ މައްސަލަތައް ބެލުމާއި އެކަން ހުއްޓުވޭނެ ގޮތްތައް މިދަނޑިވަޅުގައިވެސް ބަލައިދިނުމަށް." ޓެޑްރޮސް ވިދާޅުވިއެވެ.
ޓެޑްރޮސް ވަނީ ގެވެށި އަނިޔާ ތަހައްމަލު ކުރާ މީހެއް ކަމުގައިވާނަމަ އާއިލާ ނުވަތަ ހެޔޮ އެދޭ ރައްޓެހިންގެ ފަރާތުން އެހީހޯދުމަށްވެސް އިލްތިމާސް ކުރައްވާފައެވެ. ނުވަތަ ގައުމުތަކުގައި މައްސަލަ ހުށަހަޅަން އޮންނަ ހޮޓްލައިނަށް ގުޅައިގެން މައްސަލަ ހުށަހަޅަން އެދިވަޑައިގެންފައެވެ. އަމިއްލަ ނަފުސާއި ދަރިން ކޮންމެ ހާލެއްގައިވެސް ސަލާމަތް ކުރަން ވިސްނުމަށް އެދިވަޑައިގެން ޓެޑްރޮސް ވިދާޅުވީ އެކަހަލަ ކަންކަމުން ސަލާމަތްވުމަށްފަހު ދެން ދާނެ އެހެން ގެއެއްވެސް ހޯދާފައި ބެހެއްޓުން މުހިންމު ކަމަށެވެ. އެގޮތުން އާއިލީ މީހެއް، އަވަށްޓެރިއެއް ނުވަތަ ރައްޓެއްސަކާ ވާހަކަ ދައްކައި، ގެއިން ނުކުންނަން ޖެހޭ ހާލަތުގައިވެސް އެ ކަމަށް ތައްޔާރުވެގެން ތިބުމަށް ޓެޑްރޮސް އެދިވަޑައިގެންނެވި އެވެ.
އަނިޔާވެރިކަމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައިވެސް ކޮވިޑް19އާއި ގުޅިގެން ސަރުކާރު ބަންދު ކުރި ނަމަވެސް ޖެންޑާ މިނިސްޓްރީ އަކީ ކޮންމެހެން ހިދުމަތް ދޭންޖެހޭ މިނިސްޓްރީއެއްގެ ގޮތުގައި ކަނޑައަޅައި ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް، އާއިޝަތު މުހައްމަދުދީދީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގެވެށި އަނިޔާ ގިނަ ފަހަރު ރިޕޯޓް ނުކުރަނީ އަނިޔާދޭ ފަރާތް ނުވަތަ ފައިސާއަށް ބަރޯސާވާ ފަރާތާއެކު އެއް ގެއެއްގައި އުޅެން ޖެހުމުން ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ.
ޖެންޑާ މިނިސްޓްރީން އަންނަނީ ގެވެށި އަނިޔާގެ އެއްވެސް އަމަލެއް ހިންގާނަމަ ނުވަތަ ހިނގާކަމުގެ މައުލޫމާތު ލިބިފައި ވާނަމަ ހޮޓްލައިން 3328393 އަށް ގުޅައި ރިޕޯޓްކޮށް އެ މިނިސްޓްރީގެ އެހީތެރިކަން ހޯދުމަށް އެދެމުންނެވެ.