ހދ. ވައިކަރަދޫ

50 އަހަރަށް ފަހު ވައިކަރަދޫގައި ޒުވާނަކު ކާމިޔާބުކަމާ އެކު ހަނޑޫ ހައްދައިފި

ޝަހީދާ އަބްދުﷲ ސައީދު

23

ހދ. ވައިކަރަދޫން ޝަހީދާ އަބްދުﷲ ސައީދު

ހދ. ވައިކަރަދޫ ޒުވާނަކު ކާމިޔާބުކަމާ އެކު ހަނޑޫ ހައްދައިފި އެވެ.

ހަނޑޫ ހެއްދީ ވައިކަރަދޫ، ކަސްމީރުވާދީ، އިބްރާހީމް އަޝްރަފް އެވެ. އުުމުރުން 31 އަހަރުގެ އަޝްރަފަކީ މި އަތޮޅު، އަތޮޅު މަދަރުސާގައި ވަޒީފާ އަދާކުރަމުން ޓީޗަރެކެވެ.

ހަނޑޫ ހެއްދުމުގެ ވިސްނުން އައި ގޮތް ބުނެދެމުން، "ވަން އޮންލައިން" އަށް މިއަދު ދިން އިންޓަވިއުއެއްގައި އަޝްރަފު ބުނީ، މިރަށަކީ މީގެ 50 އަހަރު ކުރީންވެސް ގިނަ އަދަދަކަށް ހަނޑޫ ހެއްދި ރަށަކަށް ވާތީ، އޭނާއަށް ވެސް އެކަން ކުރެވިދާނެތޯ ބަލައިލަން ބޭނުންވެގެން އެ މަސައްކަތް ފެށީ ކަމަށެވެ. އެގޮތުން އޭނާއާ އެކު ސްކޫލުގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާ ޓީޗަރަކު މެދުވެރިކޮށް ހަނޑޫ ހައްދަން ބޭނުންވާ މުޑުވަން ގެނައީ އެވެ.

ތޮށި ނުފިލުވާ ހަނޑޫ، (ވީ) ގެނެސް ތުނި ފޮތިކޮޅަކަށް ކަޅުވެލި އެޅުމަށްފަހު ވެލިކޮޅުގެ ތެރެޔަށް ވީ އަޅައި ފޮތިކޮޅު ބަނދެލުމަށްފަހު ފެންޖަހައި 24 ގަޑިއިރު ވަންދެން ބެހެއްޓި ކަމަށް އަޝްރަފު ކިޔައިދިނެވެ.

"24 ގަޑިއިރު ފަހުން ފޮތިކޮޅު މުހާލާފައި ބެލިއިރު ހުރީ މޫލާފައި. ދެން ޗަކަވެލީގައި އިންދީ. ހަ އިންޗިއަށް ގަސްތައް ހެދުނީމަ ހަތަރު ފޫޓު ފަސްފޫޓު ގޮޅިއެއްގައި ބިންގަނޑު ޗަކަކޮށްފަ އިންދީ." ހަނޑޫ މުޑުވައްކޮށް ހައްދަން ކުރި މަސައްކަތުގެ ފެށުން އަޝްރަފު ކިޔައިދިނެވެ.

އަޝްރަފު ބުނިގޮތުގައި އޭނާ އެ މަސައްކަތް ކުރީ 2018 ވަނަ އަހަރުގެ ފަހުކޮޅު ކަމަށެވެ. ގަސް އިންދުމަށް ފަހު ތިން މަސް ދުވަސް ތެރޭގައި ހަނޑޫ އާދެއެވެ. ހަތަރު މަސް ތެރޭގައި ހަނޑޫ ދޮންވާ ކަމަށާއި އެއަށްފަހު ހަނޑޫ ކަނޑަން ޖެހޭ ކަމަށް އަޝްރަފު ބުންޏެވެ. އަޖުމަ ބެލުމަށްޓަކައި ކުރި އެ މަސައްކަތުން ކިލޯއަކަށްވުރެ ގިނަ ހަނޑޫ ލިބުނު ކަމަށް އޭނާ ބުންޏެވެ. ހަނޑޫ ލިބުނީ މިދިޔަ އަހަރު ފެށެން ކައިރިވެފައި ވަނިކޮށެވެ.

އަޝްރަފު ހެއްދި ހަނޑޫ ދަނޑުގައި ބައެއް ގަސްތައް އަދިވެސް އެބަހުއްޓެވެ. އެއީ މުޑުވަކުގެ ބޭނުމަށް ބަހައްޓާފައި ހުރި ހަނޑޫގަސްކޮޅެއް ކަމަށް އަޝްރަފު މައުލޫމާތު ދިނެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19އާއި ގުޅިގެން، ދިވެހީންނަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެދާނެކަން ފާހަގަކޮށް އަޝްރަފު ބުނީ، ގޮވާމުގެ ބާވަތްތައް ހެއްދުމަށް ރަށު ކައުންސިލުން ކޮންމެ ގޭބިސީއަކަށް ދޫކުރަން ނިންމާފައިވާ ބިމުގައި އޭނާ ގަސްދުކުރަނީ ހަނޑުލާއި ބިންބި ހައްދަން ކަމަށެވެ. ކައުންސިލުން ދޫކުރާ އެ ބިންތަކުގައި ހުރިހާ ރައްޔިތުން ވެސް ގޮވާމުގެ ބާވަތްތައް ހެއްދުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވެސް އަޝްރަފު އިލްތިމާސް ކުރިއެވެ.

މިރަށުގައި ހަނޑުލާއި ގޮދަން ހެއްދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ އިންޑިއާގެ ދަނޑުވެރިއެއް ކަމަށްވާ ބުޓާނީ ކިޔާ ފިރިހެނަކާއި އޭނާގެ އަންހެނުންނެވެ. 1969 ގައި ފެށި އެ މަސައްކަތުގެ ފައިދާ މިއަދުވެސް މި ރަށުގެ ގިނަ ބަޔަކަށް އަންނަނީ ކުރަމުންނެވެ. ފެށުނީއްސުރެ ދަނޑުވެރިކަން ކުރާ މިރަށުގައި ގޮވާމާއި ފަލަމަޑިއާއި ތަރުކާރީ އަދި މޭވާގެ ވަރަށް ގިނަ ބާވަތްތައް ހައްދަ އެވެ. އަދި ހަވާދުގެ ބާވަތްތައް ވެސް މީގެ ކުރީން ހެއްދި އެވެ.

މިރަށުގައި މިހާރުވެސް ކޮންމެ އަހަރެއްގެ ހުޅަނގު މޫސުމާ ދިމާކޮށް ގިނަ އަދަދަކަށް ބިންބި ހައްދަ އެވެ. އޭގެ އިތުރުން ކޮންމެ ގެޔަކަށް ރަޖިސްޓްރީކޮށްގެން ހައްދަމުން އަންނަ އޮޅުއަލަ ދަނޑުވެސް އެބަ ހުއްޓެވެ.

ކޮވިޑް 19އާއި ގުޅިގެން، ކާބޯތަކެއްޗަށް ދަތިވެދާނެ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި ރަށުގެ ކުދިބޮޑު ހުރިހާ ރައްޔިތުންވެސް މި ވަގުތު އަވަދިނެތި އުޅެމުން އަންނަނީ ދަނޑުހެއްދުމުގަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟