ގޯލްޑަން ފުޓްސަލް ޗެލެންޖް

ހދ. އަތޮޅު ސެމީގެ ފަހު ޖާގަތައް މަކުނުދުއާއި ކުމުންދުއަށް

ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ހދ. އަތޮޅުގެ ސެމީ ފައިނަލްގެ ފަހު ޖާގަތައް މަކުނުދޫއާއި ކުމުންދޫން ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ހދ. އަތޮޅު ދެ ގްރޫޕްގެ ފަހު މެޗުތައްވެސް ރޭ ވަނީ ކުޅެފައެވެ. އެއާއެކު ސެމީގެ ޖާގަތައް ޔަގީންވެފައިވާ އިރު، ރޭގެ މެޗުތަކަށް ނުކުތްއިރުވެސް ކޮންމެ ގްރޫޕަކުން ޓީމަކަށް ވަނީ ސެމީ ޔަގީންވެފައެވެ.

ރޭގެ މެޗުތަކުގެ ކުރިންވެސް ގްރޫޕް އޭގެ އެއްވަނައާއެކު ނޭކުރެންދޫއަށް ސެމީ ޔަގީންވެފައި އޮތް އިރު، އެ ގްރޫޕުގެ ދެވަނައަށް ވާދަކުރީ މަކުނުދޫއާއި ފިނޭއެވެ. ފިނޭއަށް ފުރުސަތު އޮތީ ހަނިމާދުއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެންނެވެ. އަދި މަކުނުދޫއަށް އޮތީ ނޭކުރެންދޫ ބަލިކުރުމަށް މަޖުބޫރުވެފައެވެ. އެއީ ފިނޭގެ ނަތީޖާއަށް ބަރޯސާވާން ޖެހިދާނެ ކަމަށެވެ.

ރޭ މަކުނުދޫން ސެމީއަށް ދިޔައީ ފޯމުގައި ކުޅެ، ނޭކުރެންދޫ ބަލިކޮށްގެންނެވެ. 5-3 އިން މަކުނުދޫން ނޭކުރެންދޫ ބަލިކުރި އިރު، މަކުނުދޫގެ ގޯލުތައް ޖެހީ ނުހާދު ފައުޒީއާއި ޒިދާން އަހުމަދު އަދި ޝައިބާން އަހުމަދެވެ. ނުހާދު ވަނީ ދެ ގޯލު ޖަހައިފައެވެ.

ނޭކުރެންދޫގެ ގޯލުތައް ޖެހީ މުހައްމަދު ރާއިފް ފަޒީލާއި މުހައްމަދު އަބާން އިމްރާން އަދި އަލީ އިފާޒެވެ. މެޗުގެ ފަހު މިނެޓުގައި ނޭކުރެންދޫގެ ގޯލްކީޕަރު މުހައްމަދު އިބްރާހީމް ކުރި ފައުލަކަށް ރަތް ކާޑު ދެއްކިއެވެ.

އެ ގްރޫޕުގައި ދެން ކުޅުނު މެޗުގައި ހަނިމާދޫން ފިނޭ ބަލިކުރީ 6-0 އިންނެވެ. އެ ނަތީޖާއާއެކު ހަނިމާދޫ ނިންމާލީ ތިންވަނައިގައެވެ.

ހަނިމާދޫގެ ގޯލުތައް ޖެީ ޝިފާން ހަސަނާއި މުހައްމަދު ހަސަން، އަހުމަދު މުޖުތަބާއާއި މުހައްމަދު ހާލިދު އަދި ހުސައިން ރަމީޒެވެ. ޝީފާން މެޗުގައި ދެ ގޯލު ޖެހިއެވެ.

އެ އަތޮޅު ގްރޫޕް ބީގެ ފަހު ދެމެޗަށް ރޭ ޓީމުތައް ނުކުތް އިރު، އެންމެފަހުގެ އަތޮޅު ޗެމްޕިއަން ނައިވާދޫއަށް އޮތީ ސެމީ ޔަގީންވެ، އެއްވަނަ ޔަގީން ނުވެއެވެ. އެޓީމުން ކުމުންދޫއާ ދެކޮޅަށް ކުޅެ، 4-2 އިން މޮޅުވުމާއެކު އެއްވަނަ ޔަގީންވި އިރު، ކުމުންދޫއަށް ސެމީ ޔަގީންވީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ވައިކަރަދޫންވެސް ސެމީގެ ދެވަނަ ޖާގައަށް ވާދަކޮށް، ރޭ ނޮޅިވަރަން ކައިރިން 7-4 އިން މޮޅުވި ނަމަވެސް، ދެވަނައިގައި އޮތް ކުމުންދުއާ ޕޮއިންޓް އެއްވަރުވެ، އެޓީމަށް ދެވަނަ ޖާގަ ގެއްލުނީ ފައިދާ ދެ ގޯލުގެ ފަރަގުންނެވެ.

ނައިވާދޫން ކުމުންދޫ ކޮޅަށް ގޯލުތައް ޖެހީ އަހުމަދު ހަމީދާއި މުހައްމަދު ޝާއިންގެ އިތުރުން ޔޫސުފް ޝާއިފް އަދި އަބްދުﷲ ވިޔާމެވެ. ކުމުންދޫ ސަލާމަތްކޮށްދިން ގޯލުތައް ޖެހީ މުޝްރިފް މުހައްމަދާއި ފަހުމާން އަބްދުލް ހަމީދެވެ.

ވައިކަރަދޫގެ އަހުމަދު އަނީސް ހަތަރު ގޯލު ޖެހި އިރު، ދެން އެޓީމުގެ ގޯލުތައް ޖެހީ އަހުމަދު ފައިސަލާއި އިބްރާހީމް އަގީލް އަދި އަހްމަދުﷲ މުހައްމަދު ސަދާތެވެ. ނޮޅިވަރަންގެ ގޯލުތައް ޖެހީ އަމްދާން އަލީ (އެންޑީ) އާއި މުހައްމަދު އިބްރާހީމްގެ އިތުރުން އިޔާދު އަބްދުލް ރަޝީދު އަދި އަބްދުލް ރަހީމް އަބޫބަކުރެވެ.

ހދ އަތޮޅުގެ ސެމީގައި ނައިވާދޫން މަކުނުދުއާ ދެކޮޅަށް ނުކުންނަ އިރު، ކުމުންދޫ ނުކުންނާނީ ނޭކުރެންދުއާ ދެކޮޅަށެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

މިރޭ އޮންނަ މެޗުތައް

20:00
ގްރައުންޑް 1: ބ. ތުޅާދޫ - ބ. ފެހެންދޫ

21:00
ގްރައުންޑް 1: ތ. ކިނބިދޫ - ތ. ދިޔަމިގިލި
ގްރައުންޑް 2: ތ. އޮމަދޫ - ތ. ތިމަރަފުށި

22:00
ގްރައުންޑް 1: ތ. ބުރުނި - ތ. ގާދިއްފުށި
ގްރައުންޑް 2: ތ. ވޭމަންޑޫ - ތ. ކަނޑޫދޫ

23:00
ގްރައުންޑް 1: ލ. މާބައިދޫ - ލ. މާވަށް
ގްރައުންޑް 2: ލ. އިސްދޫ - ލ. މުންޑޫ