ޕްލޭނިން މިނިސްޓްރީއަށް ފޮނުވަން ޖެހޭ ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ނުވަތަ އީގަވަނެންސް މެދުވެރިކޮށް ފޮނުވުމަށް އެ މިނިސްޓްރީން އެދިއްޖެ އެވެ.
ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ކޮވިޑް 19 ގެ ސަބަބުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައި ވާތީ، ސަރުކާރު ހުޅުވެންދެން ވަކި ގޮތަކަށް ހުށަހަޅަން އަންގާފައިވާ ތަކެތި ފިޔަވައި އެމިނިސްޓްރީއަށް ހުށަހަޅާ ސިޓީތަކާއި ފޯމުތަކުގެ އިތުރުން ހުށަހަޅާ ލިޔެކިޔުންތައް އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް ހުށަހެޅުމަށް އަންގާކަމަށެވެ.
މީގެ އިތުރުން ދެލިކޮޕީ ހުށަހަޅަން ޖެހޭ ހާލަތުގައި އެތަކެތި ސިޓީ އުރައެއްގައި ބަންދުކޮށް މައުލޫމާތު ފުރިހަމަކޮށް އެމިނިސްޓްރީގެ މައިދޮރާށި ކައިރީގައި ބަހައްޓާފައި ހުންނަ "ޑްރޮޕް ބޮކްސް" އަށް ލުމުގެ ކުރިން އެ ލިޔެކިޔުންތައް މެއިލް ކުރުމަށް ވެސް ވަނީ އެދިފައެވެ.
އެ މިނިސްޓްރީން ބުނީ "ޑްރޮޕް ބޮކްސް" އަށް ތަކެތި ހުށަހެޅޭނީ ކޮންމެ ހަފުތާއެއްގެ ވެސް އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ 10:00 އިން 12:00 އާ ހަމައަށް ކަމަށެވެ. އަދި "ޑްރޮޕް ބޮކްސް" އަށް ތަކެތި ހުށަހަޅާ ސްލިޕް އެމިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށެވެ. "ޑްރޮޕް ބޮކްސް" އަށް ލާ ލިޔެކިޔުންތައް ބަލައިގަތްކަމުގެ ސްލިޕް ފަސްދުވަސްތެރޭ އީމެއިލް މެދުވެރިކޮށް ލިބޭނެ ކަމަށް ވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.