ރާއްޖޭގެ ސަރުކާރުގެ ދަރަނިތަކުގެ ޖުމްލަ 3.7 ބިލިއަން ޑޮލަރަށް އަރާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގެ ޖުމްލަ ދަރަނީގެ ތެރެއިން އެތެރޭގެ ދަރަންޏަކީ 1.9 ބިލިއަން ޑޮލަރު ކަމަށާއި ބޭރުގެ ދަރަންޏަކީ 1.8 ބިލިއަން އެމެރިކާ ޑޮލަރު ކަމަށެވެ.
"އެ ފައިސާގެ ތެރެއިން ކޮންޓްރެކްޓް ކޮށްފައި އެބަހުރި ގާތްގަނޑަކަށް 1.4 ބިލިއަން ޑޮލަރު. ޗައިނާގެ ދަރަންޏަކީ ޑިސްޕާސްޑް އެމައުންޓުން 856 މިލިއަން ޑޮލަރު،" އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ އަދަދީ ރާއްޖެއިން ދައްކަން ޖެހޭ ދަރަނީގެ 38 ޕަސެންޓު ކަމަށެވެ.
ދައުލަތުން އިތުރު ފަރާތްތަކަށް ދެއްކުމަށް ހަމަޖެހިފައިވާ ފައިސާތަކުގެ މައުލޫމާތުވެސް ވަނީ މިނިސްޓަރު މިއަދު ވަނީ ހާމަކުރައްވައިފައެވެ. އެގޮތުން ދައުލަތުން އެކި ފަރާތްތަކަށް 2.4 ބިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އާސަންދަ ކުންފުންޏަށް 103 މިލިއަން ރުފިޔާ ދައްކަން ޖެހޭ. އެސްޓީއޯ އަށް 780 މިލިއަން ރުފިޔާ ދައްކަން ޖެހޭ. ސްޓެލްކޯއަށް 770 މިލިއަން ދައްކަން ޖެހޭ. ފެނަކަ ކޯޕަރޭޝަނަށް 101 މިލިއަން ރުފިޔާގެ އިތުރުން އައިލެންޑް އޭވިއޭޝަނަށް 61 މިލިއަން ރުފިޔާ ދައްކަން ޖެހޭ،"
އެ ފައިސާގެ ތެރޭގައި ހިމެނޭ ޕާޗެސް އޯޑަރުގެ އަދަދު 428 މިލިއަން ރުފިޔާއަށް އަރާއިރު އިންވޮއިސްގެ އަދަދު 824 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޭނާ ވިދާޅުވިއެވެ.