ޚަބަރު

ފާތިމަތު ޖަމީލް އަވަހާރަވުމާ ގުޅިގެން އެ އާއިލާއަށް ރައީސް ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ

ރާއްޖޭގެ އަންހެނުންގެ ތަރައްގީއަށް ދިގު މުއްދަތެއްގައި ވަރަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ގަލޮޅު މޫނިމާގެ، ފާތިމަތު ޖަމީލް އަވަހާރަވުމާ ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ފާތިމަތު ޖަމީލުގެ އެއްބަނޑުއެއްބަފާ ބޭބެ އަބްދުﷲ ޖަމީލަށް ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި ވާހަކަފުޅުދައްކަވަމުން، މި ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވިއެވެ. އަދި އާއިލާއަށް މި ލިބުނު ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން އަބްދުﷲ ޖަމީލަށާއި އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވިއެވެ. އެ މަރުހޫމާގެ ފުރާނައަށް މާތްﷲ ހެޔޮ ރަހުމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށާއި، މި ދަނޑިވަޅުގައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲގެ ހަޒްރަތުގައި ދުއު ދަންނަވާކަމަށްވެސް ވިދާޅުވިއެވެ.

ފާތިމަތު ޖަމީލް އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާދެމުން ދަނިކޮށް، މިއަދު މެންދުރެއްހާއިރު އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ. އަވަހާރަވީއިރު އުމުރުފުޅަކި 80 އަހަރެވެ.

ފާތިމަތު ޖަމީލް ސަރުކާރުގެ ހިދުމަތް ފައްޓަވާފައިވަނީ 26 ޖޫން 1955ގައި މަދްރަސަތުލް ޞަލާހިއްޔާގެ މުދައްރިސާކަމުގެ މަގާމުންނެވެ. 7 ޖަނަވަރީ 1958ގައި އެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު އަލުން ސަރުކާރުގެ ހިދުމަތް ފެއްޓެވީ 1981 ވަނަ އަހަރުއެވެ. އަންހެނުންގެ ގައުމީ ކޮމިޓީގެ ރައީސާކަމުގެ މަގާމަށް އެކަމަނާ ހަމަޖެއްސެވީ 16 އޭޕްރީލް 1981 ގައެވެ. އޭގެ ފަހުން 1994 ވަނަ އަހަރުގެ ޖޫން މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ތަފާތު މަގާމުތަކުގައި 13 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރާއްޖޭގެ އަންހެނުންގެ ތަރައްގީއަށާއި ކުރިއެރުމަށް ބުރަ މަސައްކަތްތަކެއް ވަނީ ކޮށްދެއްވައިފައެވެ. އެގޮތުން އޮފީސް ފޯ ވިމެންސް އެފެއާޒްގެ ޑިރެކްޓަރުކަމުގެ މަގާމުގަޔާއި ޑިޕާޓްމަންޓް އޮފް ވިމެންސް އެފެއާޒްގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމުގަޔާއި، މިނިސްޓަރ އޮފް ޔޫތު، ވިމެންސް އެފެއާޒް އެންޑް ސްޕޯޓްސްގެ ނާއިބުކަމުގެ މަގާމުގައި ހުންނަވައިގެން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.

ފާތިމަތު ޖަމީލަކީ ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަމާއި، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރެއްވި މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ފާތިމަތު ޖަމީލަށް ލިބިވަޑައިގަތީ ހަތަރު ބޭފުޅުންނެވެ. އެއީ ފިރިހެން ބޭފުޅަކާއި އަންހެން ތިން ބޭފުޅުންނެވެ. އޭގެ ތެރޭގައި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޒާހިޔާ ޒަރީރު ހިމެނިވަޑައިގަންނަވައެވެ. އަދި ފާތިމަތު ޖަމީލަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދެބެންގެދެދަރި ދައްތައެވެ.