ކޮވިޑް 19އާ ގުޅިގެން ވަޒީފާ ގެއްލޭ މައްސަލަތަކާއި ވަޒީފާއާ ގުޅޭ އެހެން މައްސަލަތައް ހުށަހެޅުމަށް ހާއްސަކުރެވިފައިވާ ޖޮބް ސެންޓަރަށް މިހާތަނަށް 677 މީހަކު މައްސަލަ ހުށަހަޅައިފިއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ޖޮބް ސެންޓަރުގައި ރަޖިސްޓާކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑު ކުރިން ފާހަގަކޮށްފައި އޮންނާނެ ރިސޯޓުތަކުން ވަޒީފާއިން ވަކިކުރެވޭ މީހުން، އެ ވަޒީފާތަކުން ވަކިކުރެވުނުކަން ސަރުކާރަށް އެންގުމަށްޓަކައި ޖޮބް ސެންޓަރު ޕްލެޓްފޯމު ބޭނުންކުރުމަށް. މިހާރު މި ޕްލެޓްފޯމުގައި ރެޖިސްޓާކުރަމުންދާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން. މިހާތަނަށް އައިއިރު 677 މީހަކު ރަޖިސްޓާކޮށްފައިވޭ،" އޭނާ ވިދާޅުވިއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ވަޒީފާއިން ވަކިކުރާ އެންމެހާ ފަރާތްތައް ޖޮބް ސެންޓަރުގައި ރަޖިސްޓްރީވުމަށް އެދޭ ކަމަށެވެ. އަދި ކޮވިޑް 19 އާ ގުޅިގެން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް މިމަހުން ފެށިގެން ތިން މަސް ދުވަހަށް އިނާޔަތް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި ނަމަވެސް އެ އިނާޔަތް ލިބޭނީ ޖޮބް ސެންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް 19އާ ގުޅިގެން މިހާތަނަށް 11،000 އަށްވުރެ ގިނަ ރިސޯޓު މުވައްޒަފުން ނޯޕޭ ލީވަށް ފޮނުވާލައިފައިވާ ކަމަށް ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް ދި މޯލްޑިވްސް (ޓީމް) އިން ވަނީ ބުނެފައެވެ. އަދި ބައެއް ރިސޯޓުތަކުންނާއި ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމުގެ މައްސަލަތައްވެސް ވަނީ ފެންމަތިވެފައެވެ.