މެޑިކަލް މީހުންގެ މެދުގައި ވެސް ހިޔާލުތަފާތުވުން ހުންނަ ކަމަށާއި މާސްކް އަޅަން ޖެހޭ ފަދަ ހާލަތެއް އަދިވެސް ރާއްޖޭގައި އޮތް ކަމަށް ނިންމާފައި ނުވާތީ އެގޮތަށް ލަފާ ނުދޭ ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުރާދު ވިދާޅުވީ މާސްކު ބޭނުންކުރުމާ މެދު މެޑިކަލް ކޮމިއުނިޓީ ތެރޭގައި ވެސް ތަފާތު ހިޔާލުތަކެއް އެބަހުރި ކަމަށާއި ދުނިޔޭގެ ނަން ކިޔާ ބައެއް ސިއްހީ ޖަމިއްޔާތަކުން ވެސް ތަފާތު ލަފާތައް ދީފައިވާ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އައި އިރުގައި ވެސް ގިނަ ޖަމިއްޔާތަކުގެ ލަފާތައް ހުރީ އާންމު ރައްޔިތުން ބަލި ނޫން ނަމަ، މާސްކު ކޮންމެހެން ބޭނުންކުރަން ނުޖެހޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ސެންޓާސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން މިއަދު ވަނީ އެ އިދާރާގެ ލަފާ ބަދަލުކޮށް، ބޭރަށް ދާއިރު ފޮތި މާސްކު ބޭނުންކުރަން ލަފާދީފައެވެ. އެކަމާ ގުޅޭގޮތުން ޑރ. މުރާދު ވިދާޅުވީ ސީޑީސީގެ ލަފާ އައީ ވެސް އެމެރިކާގައި ވަރަށް ބޮޑަށް މި ބަލި ފެތުރި، މުޅި މުޖުތަމައު ތެރޭގައި ބަލި ފެތުރިގެން ގޮސްފައިވާ ހާލަތެއްގައި ކަމަށެވެ.
"އޭގެ ކުރިން ސީޑީސީގެ ސްޓޭންޑު އޭރުގައި އޮތީ މާސްކު ބޭނުން ނުކުރާ ގޮތަށް. އެހެންވީމާ ވަކި ހާލަތެއްގައި އެބޭފުޅުން މި ލަފާދެނީ. އަދި އެވެސް ހަމައެކަނި މާސްކު ބޭނުންކުރުމުގެ މާނައިގައެއް ނޫން، އަޅުގަނޑުމެން މިކިޔާ ސޯޝަލް ޑިސްޓަންސިންގައާއި މިކަންތައްތަކާ އެކީގައި ހަމައެކަނި ޒަރޫރީ ބޭނުމަކަށް މީހާ ބޭރަށް ދާއިރުގައި ފޮތި މާސްކެއް ބޭނުންކޮށްގެން، މިސާލަކަށް ތަންކޮޅެއް މީހުންނާ ގާތްވެދާނެ ތަނަކަށް ދާއިރުގައި ބޭނުންކުރަން ސީޑީސީން ވެސް ލަފާދީފައި މިވަނީ،" އޭނާ ވިދާޅުވިއެވެ.
ޑރ. މުރާދު ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މާސްކު އެޅުމާ މެދު އޮންނަ ލަފާތައް މިއަދު ބަލާފައިވާނެ ކަމަށާއި މިއަދާ ހަމައަށް އައި އިރުގައި ގިނަ ގައުމުތަކުގައި ހުރީ އެ ގައުމެއްގައި ކޮމިއުނިޓީ ސްޕްރެޑެއް ނޫޅޭ ކަމުގައިވަންޏާ، އާންމުކޮށް އުޅޭ އުޅުމުގައި މާސްކު ބޭނުންކޮށްގެން އުޅެން ނުޖެހޭ ގޮތަށް ކަމަށެވެ. ނަމަވެސް މާސްކު އަޅަން ޖެހޭ ހާލަތަށް ގޮސްފިނަމަ، ރާއްޖެއިން ވެސް އެ ލަފާ ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރިކޮމެންޑޭޝަންތައް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑުމެން ވެސް ކޮންމެހެން އަޅުގަނޑުމެން މިބުނާ ރެކޮމެންޑޭޝަންގައި ހިފަހައްޓައިގެން ތިބޭނެއެކޭ ނޫން. އަޅުގަނޑުމެންނަށް އޭގެން ފައިދާއެއް ކުރާނެ ކަމަށް ފެންނަ ނުވަތަ އެހެން ދުނިޔޭގެ ސިއްހީ އިދާރާތަކުން އެވަރުގެ ރެކޮމެންޑޭޝަނެއް ވަރުގަދަ އަންނަކަން ފެންނަ ކަމަށްވަންޏާ އަޅުގަނޑުމެންގެ ރެކޮމެންޑޭޝަންތައް ވެސް ބަދަލުވާނެ އެއާ އެއްގޮތަށް. އެހެންނަމަވެސް މިވަގުތަށް އަޅުގަނޑުމެންނަށް ގިނަ އެއްޗެހިން ފެންނަން މިހުރީ ކޮންމެހެން އެހާ މުހިންމު ކަމެއް ނޫނޭ، އާންމު ދިރިއުޅުމުގައި މާސްކު އަޅައިގެން އުޅުން،" އޭނާ ވިދާޅުވިއވެެ.
ޑރ. މުރާދު އިތުރަށް ވިދާޅުވީ މާސްކު އެޅުމާއި ނޭޅުމަކީ އެމީހެއްގެ އަމިއްލަ ކަމެއް ކަމަށާއި އެހެންނަމަވެސް އެކަމާ މެދު ލަފައެއް ދެވޭ ވަރުގެ ވަރުގަދަ ހެކިތަކެއް އަދި ނެތް ކަމަށެވެ.