ކޮވިޑް 19 އިން ރައްކާތެރިވުމަށް ކުރޫއިންނާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރިހާ ފިޔަވަޅުތަކެއް އަޅާ ކަމަށާއި ދަތުރުތަކަށްފަހު ފުލައިޓުތައް ޑިސްއިންފެކްޓް ކުރާ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ބުނެފިއެވެ.
ކޮވިޑް 19 އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ކޮވިޑް 19 ފެރުމުގެ ކުރިން ވެސް މޯލްޑިވިއަންގެ ފްލައިޓުތަކަކީ ކޮންމެ ދަތުރަކަށްފަހު ސާފުކުރާ ބޯޓުތަކެއް ކަމަށެވެ. ނަމަވެސް ކުރިއަށްވުރެ ހާއްސަ އިސްކަމެއްދީގެން މިހާރު އެކަން ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ފޮލޯ ކުރަމުން މިދަނީ އެޗްޕީއޭގެ ގައިޑްލައިން. އަޅުގަނޑުމެންގެ ބޯޓުތަކަކީ މި ވައިރަސްގެ ކުރިންވެސް ކޮންމެ ދަތުރަކަށްފަހު ސާފުކުރާ ބޯޓުތަކެއް. އަދި ތާވަލުކޮށްގެން ޑިސްއިންފެކްޓުވެސް ކުރާނެ އަޅުގަނޑުމެންގެ ބޯޓުތައް. އަދި މިހާރުގެ ހާލަތަށް ބަލައި ކޮންމެ ދަތުރަކަށްފަހު ޑިސްއިންފެކްޓު ކުރަމުން މިދަނީ." މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ މޯލްޑިވިއަންއަށް އެންމެ މުހިއްމު ކަމަކީ މުވަޒަފުންނާއި އަދި ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ. އަދި އެ ރައްކާތެރިކަން ގާއިމުކުރުމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީ(އެޗްޕީއޭ) ގެ ގައިޑްލައިންއާ އެއްގޮތަށް މޯލްޑިވިއަނުން އަމަލުކުރަމުންގެންދާނެ ކަމަށް މޫސަ ވިދާޅުވިއެވެ.