ޚަބަރު

ބޭރުގައި ތިބި ދިވެހިން ނުގެނެވިގެން އުޅެނީ ކަރަންޓީނު ފެސިލިޓީތަކުގައި ޖާގަ ނެތިގެންނެއް ނޫން: މަބްރޫކު

ބޭރުގައި ތިބި ދިވެހިން ރާއްޖެ ނުގެނެވިގެން އުޅެނީ ކަރަންޓީނު ފެސިލިޓީތަކުގައި ޖާގަ ނެތިގެން ނޫން ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ މީހުން ނެގެންނަކީ ޖާގަ ނެތިގެން ނޫން ކަމަށާއި ހެދޭނެ ބައިވަރު ގޮތްތައް އެބަހުރި ކަމަށެވެ.

"އިތުރު ރިސޯޓުތައް ބޭނުންކުރެވޭނެ. އޭގެ އިތުރުން ވަކިން ހުންނަ ސްކޫލުތަކުގެ ހޯލުތައް ކަހަލަ ތަންތަން ނަގާފައި ވެސް އެމީހުން ގެނެސް، ބޭރު ތަންތަނުގައި ވެސް މިކަން ކުރާ ގޮތަށް 14 ދުވަހުގެ މުއްދަތު ހަމަކުރުމުގެ ކަންތައްތައް ކުރެވިދާނެ. އެހެންވީމާ އަޅުގަނޑުމެންގެ ކެޕޭސިޓީގައި މައްސަލަ ހުރެގެންނެއް ނޫން އަޅުގަނޑުމެންނަށް މިކަން ނުވެގެން މިއުޅެނީކީ،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ރާއްޖެއިން ބޭރުން ގެންނަ ދިވެހިން ކަރަންޓީނު ކުރަން ޖާގަ ލިބުނު ވަރަކުން އެކަންކަން ކުރަމުންގެންދާނެ ކަމަށާއި މިވަގުތު އެކަމަށް ދައްޗެއް ނެތް ކަމަށެވެ.

އިންޑިއާ އާއި ސްރީލަންކާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަނުން ވަނީ ކޮޗިން އާއި ކޮލަމްބޯއަށް ފުލައިޓުތަކެއް ފޮނުވުމަށް ނިންމައިފައެވެ. އޭގެ އިތުރުން އެހެން ގައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް ވެސް އެހީތެރިވާނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.