ޚަބަރު

ކެއާ ޕެކޭޖު ފޮނުވަން ގިނައިރު ކިޔޫގައި ތިބެން ނުޖެހޭނެ ގޮތަކަށް ހަމަޖައްސައިދޭނަން: މޯލްޑިވިއަން

އައިދާ އަބްދުލް ހަކީމް

ކެއާ ޕެކޭޖު ފޮނުވަން ގިނައިރު ކިޔޫގައި ތިބެން ނުޖެހޭނެ ގޮތަކަށް ހަމަޖައްސައިދޭނެ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ބުނެފިއެވެ.

ކޮވިޑް 19 އާ ގުޅޭގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ކެއާ ޕެކޭޖް ފޮނުވުމަށްޓަކައި ހީކުރި ވަރަށްވުރެ ގިނަ މީހުން އެއްވި ކަމަށާއި ނަމަވެސް ކުރިއަށް އޮތްތާނގައި މިފަދަ ފުރުސަތެއް ހުޅުވާލާއިރު މީހުން ތޮއްނުޖެހި ތަކެތި ފޮނުވޭނެ އިންތިޒާމު ހަމަޖައްސަން މޯލްޑިވިއަނުން މަސައްކަތްކުރާނެ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ހީކުރި ވަރަށްވުރެ މީހުން ގިނަ. އަޅުގަނޑުމެން ދޫކުރީ 550 ފޯމު. ނަމަވެސް އެއަށްވުރެ ގިނަ މީހުން އެތަނަށް ޖަމާވި. ނަމަވެސް ދެން ލިސްޓު ހުށަހަޅާއިރު އެއްޗެހި ހަވާލު ކުރަން އަންނަން ޖެހޭ ގަޑިއާއެކު ދެވޭނެ އިންތިޒާމު އަޅުގަނޑުމެންގެ ޓީމުން ހަމަޖައްސައިދޭނަން،" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެއްޗެހި ފޮނުވުމަށް މިއަދު ގިނަ އިރުތަކެއް ވަންދެން އާންމުން ކިޔުގައި ތިބެން ޖެހުނީތީ އެ އެއާލައިނުން އެކަމަށް މައާފަށް އެދޭ ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި އެކަން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

ކޮވިޑް 19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކާބޯތަކެތި ލިބުމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. އެކަމާ ގުޅިގެން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކެއާ ޕެކޭޖް ފޮނޮވުމުގެ އިންތިޒާމު ސަރުކާރުން ވަނީ އެމީހުންގެ އާއިލާތަކަށް ހަމަޖައްސައިދީފައެވެ. އެގޮތުން ކެއާ ޕެކޭޖް ފޮނޮވުމަށް ހުޅުވާލުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ މިއަދު ގްރޭޓާ މާލެ ބަސް ސްޓޭޝަނުގައި ހުންނަ މޯލްޑިވިއަން ސިޓީ ޗެކިން އޮފީހުގައި ކިއޫގައި ޖެހިފައެވެ.