އިންޑިއާ އާއި ލަންކާގެ އިތުރުން އެހެން ގައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް ވެސް މޯލްޑިވިއަނުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.
ކޮވިޑް 19 އާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ އެހެން ގައުމުތަކުގެ އެއާ ސްޕޭސް ބޭނުން ކުރަން ނަގަންޖެހޭ ހުއްދަތަކެއް ހުންނަކަމަށާއި އެ ހުއްދަތައް ހޯދުމުގެ މަސައްކަތް މޯލްޑިވިއަނުން ކުރަމުން އަންނަ ކަމަށެވެ.
"އެހެން ގައުމުތަކުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ވެސް އެބަ ކުރިއަށްދޭ. ތާރީހާއި ވަގުތު އެނގުމުން މައުލޫމާތު ހިއްސާ ކުރަމުން ގެންދާނަން،" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ބައެއް ގައުމުތަކަކީ މޯލްޑިވިއަން އާންމުކޮށް ދަތުރުކުރާ ގައުމުތަކަށް ނުވާތީ ކުއްލިއަކަށް އެކަންކަން ހަމަނުޖެހޭ ކަމަށެވެ. ނަމަވެސް ދިވެހިން ގިނައިން ދިރިއުޅެމުން އަންނަ ގައުމުތަކާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް މޫސަ ވިދާޅުވިއެވެ.
މޯލްޑިވިއަނުން ވަނީ ކޮލޮމްބޯއަށް މާދަމާ ދެ ފްލައިޓް އަދި ކޮޗިންއަށް ހޯމަ ދުވަހު އެއް ފްލައިޓް ބާއްވަން ހަމަޖައްސައިފައެވެ. ޖާގަ ބޭނުންވާ ފަރާތްތަކުން ޕާސްޕޯޓް ކޮޕީ އާއި ނަމާއި ނަމްބަރު ވައިބާ މެދުވެރިކޮށް ފޮނުވުމަށް މޯލްޑިވިއަނުން ވަނީ އެދިފައެވެ.