ކާފިއު ވަގުތުގައި މާލޭ މަގުމަތީގައި އުޅުނު 141 މީހަކު މިއަދު ފުލުހުން ހުއްޓުވާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ އެ ވަގުތުގައި މާލެ، ހުޅުމާލެ، ވިލިމާލެ ހިމެނޭ ގޮތަށް މިއަދު ފުލުހުން ހުއްޓުވާފައިވަނީ 119 ދިވެހިންނާއި 22 ބިދޭސީން ކަމަށެވެ.
"މިއަދު ޕޮލިހުން އަޅުގަނޑުމެންނަށް ހަބަރު ލިބޭ 141 މީހަކު ހުއްޓުވާފައިވާ ކަމަށް. އޭގެ ތެރެއިން 119 ދިވެހިންނާއި 22 ބިދޭސީން ހިމެނޭ ކަމަށް މައުލޫމާތު ލިބޭ،" އޭނާ ވިދާޅުވިއެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ކޮންމެ ދުވަހަކު ވެސް ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00އަށް ކާފިއު ހިންގަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. މިދިޔަ ބުރާސްފަތި ދުވަހު 94 މީހަކު ހުއްޓުވައި ނަސޭހަތްދީފައިވާ އިރު، އިއްޔެ ހުއްޓުވާފައިވަނީ 284 މީހެކެވެ.
އެ ވަގުތުގައި މަގުމަތީގައި އުޅޭ މީހުންނަށް ނަސޭހަތްދިނުމަށްފަހު ތަކުރާރުވާ ނަމަ، 1000 ރުފިޔާ އިން ޖޫރިމަނާކުރުމަށް ވަނީ ނިންމައިފައެވެ.