ޚަބަރު

ނަތީޖާ ލިބުމުން ކަރަންޓީނު ފެސިލިޓީތަކުން އިތުރު 24 މީހަކު މާދަމާ ދޫކޮށްލަނީ

ނަތީޖާ ލިބުމުން އިތުރު 24 މީހަކު މާދަމާ ކަރަންޓީނު ފެސިލިޓީތަކުން ދޫކޮށްލާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ސާމްޕަލް ނެގިފައިވާ ކަމަށާއި އެމީހުންގެ ނަތީޖާ ލިބުމާއެކު މާދަމާ އެމީހުން ދޫކޮށްލާނެ ކަމަށެވެ.

"މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކަރަންޓީނު ފެސިލިޓީތަކުން 24 މީހެއްގެ ސާމްޕަލް ނެގިފައިވޭ. އެމީހުންގެ ސާމްޕަލްގެ ނަތީޖާ ލިބުމާ އެކީގައި އެމީހުންނަކީ ވެސް އިރާދަކުރެއްވިއްޔާ މާދަމާ ދޫކޮށްލެވޭނެ މީހުން،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ޓެސްޓުތައް ހެދުމަށްފަހު މިއަދު ވެސް 49 މީހަކު ދޫކޮށްލާފައިވާ ކަމަށާއި ހޯމް އައިސޮލޭޝަންގައި ހުރުމަށް ދަތިވާތީ، އެކަކު ވަނީ ކަރަންޓީނު ފެސިލިޓީއަކަށް ބަދަލުކުރެވިފައި ކަމަށެވެ.

މިހާރު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 12 މީހެކެވެ. އަދި ކަރަންޓީނު ފެސިލިޓީތަކުގައި ތިބީ 833 މީހެކެވެ.