ޚަބަރު

ވ. ކެޔޮދޫން ޓެސްޓު ކުރި މީހާގެ ނަތީޖާ ނެގަޓިވް

ވ. ކެޔޮދޫން ކޮވިޑް 19އަށް ޓެސްޓު ކުރި މީހާގެ ނަތީޖާ ނެގަޓިވްވެއްޖެއެވެ.

ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ދިވެއްސަކު ފެނިގެން އެ ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެންދެވުނީ އެމީހާގެ ޓެސްޓުގެ ނަތީޖާ ލިބެންދެނެވެ.

ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ކޮޔެދޫން ސާމްޕަލް ނެގި މީހާގެ ނަތީޖާ ނެގަޓިވް ކަމަށެވެ.

"ވ. ކެޔޮދޫ ސާމްޕަލްގެ ނަތީޖާ ނެގެޓިވް." މަބްރޫކު ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 19 މީހަކު ވަނީ ޕޮޒިޓިވް ވެފައިވާ އިރު، އޭގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ފުރި ފަހުންނެވެ. ރާއްޖެއިން ޕޮޒިޓިވްވި 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖޭގައި މިހާރު ފަރުވާ ދެމުން އަންނަނީ މި ބައްޔަށް އެންމެ ފަހުން ޕޮޒިޓިވްވި ހަތަރު ދިވެހިންނަށެވެ. އެ ހަތަރު ދިވެހިންނަކީވެސް އިނގިރޭސިވިލާތުން ރާއްޖެ އައިސް ކަރަންޓީނުގައި ތިއްބައި ފޮޒިޓިވްވި މީހުންނެވެ.