މިދުވަސްކޮޅު އައިޑީކާޑު އަތުގައި ނެތިއްޖެ ހާލަތެއްގައި ލައިސަންސް ކާޑާއި ޕާސްޕޯޓު ފަދަ އައިޑީކާޑު ނަންބަރު ފެންނަން އޮންނަ ލިޔުމެއް ނުވަތަ އެފަދަ ލިޔުމެއްގެ ފޮޓޯ ހުށަހަޅައިގެން، އާސަންދައިގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިއެވެ.
އާސަންދަ ކުންފުނިން މިއަދު ބުނީ ކޮވިޑް19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، އާސަންދަ ހިދުމަތްދޭ ހުރިހާ މަރުކަޒަކުންވެސް، ބަލި މީހާގެ އައިޑީކާޑު އަތުގައި ނެތް ނަމަވެސް އެމީހާގެ މައުލޫމާތު ހިމެނޭ ލިޔުމެއް ހުށަހަޅައިގެން އާސަންދަ ޕޯޓަލްއިން ޗެކްކޮށް ވެރިފައި ކުރުމަށްފަހު އެމީހަކަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
"ކޮވިޑް19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، އާސަންދަ ހިދުމަތްދޭ ހުރިހާ މަރުކަޒަކުންވެސް، ބަލި މީހާގެ އައިޑީކާޑު އަތުގައި ނެތިއްޖެ ހާލަތެއްގައި، އައިޑީ ކާޑުގެ ކޮޕީ ނުވަތަ ލައިސަންސް ކާޑާއި ޕާސްޕޯޓު ފަދަ އައިޑީކާޑު ނަންބަރު ފެންނަން އޮންނަ ލިޔުމެއް ނުވަތަ އެފަދަ ލިޔުމެއްގެ ފޮޓޯ ހުށަހަޅައިގެން، އާސަންދަ ޕޯޓަލްއިން ޗެކްކޮށް ވެރިފައި ކުރުމަށްފަހު އާސަންދަ ހިދުމަތް އެމީހަކަށް ލިބިދެވޭނެ އިންތިޒާމް އާސަންދަ ކުންފުނިން ހަމަޖައްސާފައިވާ ވާހަކަ ދަންނަވަން" އާސަންދައިން ބުންޏެވެ.
ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ވޯކްޕާމިޓާއި ޕާސްޕޯޓު ފަދަ ލިޔެކިޔުންތައް އަތުގައި ނެތް މީހުންނަށް ވެސް ބޭސް ފަރުވާގެ ހިދުމަތް ދިނުމަށް ސަރުކާރުން ވަނީ ނިންފައެވެ.