އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަކީ އޭގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ނޫނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ކުރިއަށް ނުގެންދެވޭނެ ގޮތަށް ކަނޑައަޅައި ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ގާނޫނުގައި އިލެކްޝަންސް ކޮމިޝަނުން ލިބިދޭ ބާރުގެ ދަށުން އެ ކޮމިޝަނުން ވަނީ މިމަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު މިމަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފައެވެ. އިތުރަށް އިންތިހާބު ފަސްކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ބަދަލު ގެނެސްގެން ނުވަތަ ކޯޓު އަމުރަކުންނެވެ.
ކޮވިޑް 19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށާއި، އެ އިންތިހާބާ ގުޅޭ އެ ނޫން ވެސް ހާއްސަ އުސޫލުތަކެއް އެކަށައެޅުމުގެ ބިލު ސަރުކާރުގެ ފަރާތުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ.
އެ ބިލުގައި ބުނެފައިވަނީ އެ ބިލަށް އަމަލުކުރަން ފެށުމާއެކު އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 18ގައި ބާއްވަން ނިންމާފައިވާ ކައުންސިލްތަކުގެ އިންތިހާބު ފަސްކުރެވުނީ ކަމަށެވެ. އަދި އެ އިންތިހާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަން ޖެހޭނީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަކީ އޭގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށް ބިލުގައި ބުނެފައިވެއެވެ.
އިންތިހާބު ފަސްކުރެވުނު ނަމަވެސް، އެ އިންތިހާބުގައި ވާދަކުރާނީ މިހާރުވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި ވަކި ދާއިރާއަކަށް އިންތިހާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މެންބަރުން ކުރިމަތިލާފައިނުވާތީ އިންތިހާބުވެފައިވާ ކެންޑިޑޭޓުން މަގާމާ ހަވާލުވާނީ ފަސްކުރެވޭ އިންތިހާބު ބޭއްވުމަށްފަހު، އަލަށް އިންތިހާބުވާ މެމްބަރުންނާއެކުގައި ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.
ބިލުގައި ބުނެފައިވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާތިލުވާނެ ކަމަށެވެ. އަދި ސަސްޕެންޝަން ބާތިލުވުމާއެކު އެމީހުން ކުރިން ތިބި މަގާމަށް އަނބުރާ ރުޖޫއަވާނެ ކަމަށާއި ނަމަވެސް އެމީހުން ސިވިލް ސާވިސްގެ ވަޒީފާއަށް ރުޖޫއަވާ ހިސާބުން ފެށިގެން، އަލުން ސަސްޕެންޑްކުރެވެންދެން، އިންތިހާބާ ގުޅޭގޮތުން ކެމްޕޭންކުރުމުގެ އެއްވެސް ހަރަކާތެއް އެމީހުން ކުރިއަށް ގެންގޮސްގެންނުވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
ބިލުގައިވާ ގޮތުން ފަސްކުރެވޭ ލޯކަލް ކައުންސިލް އިންތިހާބު ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ ހަވަނަ ދުވަހުގެ ނިޔަލަށް ބާއްވައި ނިންމަންޖެހޭނެއެވެ.