ޚަބަރު

ފާތިމަތު ޖަމީލް އަވަހާރަވެއްޖެ

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރުމަށް ރާއްޖޭގައި އުފެއްދި ފުރަތަމަ އިދާރާގެ ކުރީގެ ވެރިޔާ ފާތިމަތު ޖަމީލް އަވަހާރަވެއްޖެއެވެ.

ފާތިމަތު ޖަމީލް މިއަދު އަވަހާރަވީ އެކަމާގެ އުމުރުން 82 އަހަރުގައެވެ. އެކަމަނާ އަވަހާރަވީ އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނިކޮށެވެ.

ފާތިމަތު ޖަމީލަކީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޒާހިޔާ ޒަރީރުގެ މަންމައެވެ. އަދި އެކަމަނާއަކީ މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދެބެންގެދެދަރި ދައްތައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފާތިމަތު ޖަމީލު ވަނީ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވައިފައެވެ. އެގޮތުން 1979 ވަނަ އަހަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރުމަށް ރާއްޖޭގައި އުފެއްދި ފުރަތަމަ އިދާރާގެ ރައީސާކަން ފާތިމަތު ޖަމީލް ފުރުއްވިއެވެ.

އޭގެ އިތުރުން މިނިސްޓްރީ އޮފް ޔޫތު ވިމެންސް އެފެއޭޒް އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމާއި، ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ކުރެއްވިއެވެ. ފާތިމަތު ޖަމީލް ފާހަގަކޮށްލެވެނީ އަންހެނުންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭކަނބަލެއްގެ ގޮތުގައެވެ.

ފާތިމަތު ޖަމީލުގެ ދެބެންގެދެދަރި ކޮއްކޮ އަދި ފޮރިން މިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކަމަނާ އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށާއި އަންހެނުންގެ ހަމަހަމަކަމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ދުވަސްވަރެއްގައި ވެސް އެކަމަނާ އުންމީދު ގެނެސްދިން ކަމަށެވެ. އަދި އެކަމުގައި އެކަމަނާ ދެއްކެވި ލީޑަޝިޕް، މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.