އިންޑިއާ އާއި ލަންކާގައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަންގެ ފުލައިޓުތަކެއް ކޮޗިން އާއި ކޮލަމްބޯއަށް ދިއުމަށް ހަމަޖައްސައިފިއެވެ.
މޯލްޑިވިއަނުން ކުރި ޓުވީޓެއްގައި ބުނީ ކޮލޮމްބޯއިން މާދަމާ ދެ ފްލައިޓް އަދި ކޮޗިން އިން ހޯމަ ދުވަހު އެއް ފްލައިޓް އަންނާނެ ކަމަށެވެ. ޖާގަ ބޭނުންވާ ފަރާތްތަކުން ޕާސްޕޯޓް ކޮޕީ އާއި ނަމާއި ނަމްބަރު ވައިބަ މެދުވެރިކޮށް ފޮނުވުމަށް މޯލްޑިވިއަން ވަނީ އެދިފައިވެއެވެ.
މިކަމާ ގުޅޭގޮތުން "ވަން" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ނަން ނޯޓު ކުރަމުންދާ އަދަދަށް ބެލުމަށްފަހު އިތުރު ފުލައިޓުތައް ބޭއްވުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މީގެ ކުރިން "ވަން" އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދިވެހިން ދިރިއުޅޭ ގައުމުތަކުގެ ހާލަތު ގޯސްވަމުންދާނަމަ ދިވެހިން އަނބުރާ ރާއްޖެ ގެނައުމުގެ މަޝްވަރާތައް އެގައުމުތަކާއި އެކު ކުރަމުންދާ ކަމަށެވެ.
ކޮވިޑް 19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކާބޯތަކެތި ލިބުމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.
އެކަމާއި ގުޅިގެން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކެއާ ޕެކޭޖް ފޮނޮވުމުގެ އިންތިޒާމު ސަރުކާރުން ވަނީ އެމީހުންގެ އާއިލާތަކަށް ހަމަޖައްސައިދީފައެވެ. އެގޮތުން ކެއާ ޕެކޭޖް ފޮނޮވުމަށް ހުޅުވާލުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ މިއަދު ގްރޭޓާ މާލެ ބަސް ސްޓޭޝަންގައި ހުންނަ މޯލްޑިވިއަން ސިޓީ ޗެކިން އޮފީހުގައި ކިއޫގައި ޖެހިފައެވެ.