ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ގަވައިދާ ހިލާފަށް ވަޒީފާއިން ވަކިކުރުމާއި ނޯޕޭ ނެގުމަށް މަޖުބޫރު ކުރުވުމުގެ އިތުރުން ބިދޭސީ މުވައްޒަފުންނަށް ފުރޭނެކަން ޔަގީން ނުވަނީސް އެއާޕޯޓަށް ދޫކޮށްލާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި، އެފަދަ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބައިނަލްއަގުވާމީ ކާރިސާއެއް ތަޖުރިބާ ކުރަމުންދާ މިދަނޑިވަޅުގައި، ރާއްޖޭގެ ހުރިހާ ޓޫރިސްޓު ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނާއި ގަވައިދުތަކަށް އިހުތިރާމު ކުރުމަށް އަންގާ ކަމަށެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ވަނީ ފަތުރުވެރިއެއް ވިޔަސް ފުރޭނެކަން ޔަގީން ނުވަނީސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ނުފޮނުވުމަށް އަންގައިފައެވެ. އަދި އެގޮތަށް އަމަލުކުރަމުން ނުދާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮވިޑް 19 އާ ގުޅިގެން މިހާތަނަށް ގިނަ އަދަދެއްގެ ރިސޯޓު މުވައްޒަފުންގެ ވަޒީފާ ގެއްލެމުންދާތީ ވަޒީފާއަށް ބަދަލެއް ގެންނަ ނަމަ އެކަން ޖޮބް ސެންޓަރަށް ރިޕޯޓުކޮށް ރަޖިސްޓަރީވުމަށް ސަރުކާރުން ވަނީ އަންގައިފައެވެ. އެގޮތުން މިހާތަނަށް ބައެއް މީހުން ވަނީ ޖޮބް ސެންޓަރަށް މައްސަލަ ހުށަހަޅައިފައެވެ. ނަމަވެސް ކަންބޮޑުވުން ފާޅުކުރާ އަދަދަށް ބަލާ އިރު، ޖޮބް ސެންޓަރަށް މައްސަލަ ހުށަހަޅާ އަދަދު އެހާ ގިނަ ނޫންކަން ސަރުކާރުން ފާހަގަކުރެއެވެ.
ދުނިޔޭގައި ހަލުވިކާމާއެކު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން މުޅި ދުނިޔޭގެ އިގުތިސާދު ވަނީ ހީނަރުވެފައެވެ. ރާއްޖޭގެ އިގުތިސާދަށް ވެސް ވަނީ އެކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ.