ޚަބަރު

ކޮވިޑް 19 : އާމްދަނީ މަދުވެ ގެއްލުން ލިބޭ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލަން ޕެޓިޝަން ކޮމިޓީއާ ހަވާލުކޮށްފި

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން އާމްދަނީ މަދުވެ ގެއްލުން ލިބޭ ފަރާތްތައް ދެނެގަނެ ލިސްޓެއް އެކުލަވާލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ޕެޓިޝަން ކޮމިޓީއާ ހަވާލު ކުރައްވައިފިއެވެ.

މަޖިލިސް ރައީސް މި މަސައްކަތް ޕެޓިޝަން ކޮމިޓީއާ ހަވާލު ކުރެއްވީ، ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިންނެވެ.

ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމުގެ މައްސަަލައަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައެކެވެ.

މި މައްސަލަ މިދިޔަ ހޯމަ ދުވަހު އޮންލައިންކޮށް ފެށި މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށް ތިިންދުވަހު ބަހުސް ކުރުމަށްފަހު އެ މައްސަލަ އާއި އެ މައްސަލައާ ބެހޭ ގޮތުން މެންބަރުން ހުށަހެޅުއްވި ހުށަހެޅުއްވުންތަކާއި ފާހަގަކުރެއްވި ކަންތައްތައް މަޖިލިސް ރައީސް ވަނީ ކޮމިޓީތަކަށް ފޮނުއްވައިފައެވެ.

މި މައްސަލައާ ގުޅިގެން މިއަދު ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު، އިބްރާހިމް ނަސީރު ވިދާޅުވީ، މިފަދަ ވަގުތެއްގައި ގޭގެއަށް ގޮސް އެފަދަ ފަރާތްތައް ދެނެގަނެ ލިސްޓެއް ނެގުމުގެ ގާބިލުކަމެއް ކޮމިޓީގައި ނެތް ކަމަށެވެ. ނަމަވެސް ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން އުފަައްދާފައިވާ ކޮމިޓީތަކާއި ގްރޫޕުތަކުން ޕަބްލިކް ސެކްޓާގެ މައުލޫމާތު އޮޅުންފިލި ނަމަވެސް ޕަރައިވެޓް ސެކްޓަރުން އެފަދަ މައުލޫމާތު ހޯދުން އުނދަގޫވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައާ ބެހޭގޮތުން ވާހަކަދައްކަވަމުން ކޮމިޓީގެ މެންބަރުން ވިދާޅުވީ، ކޮމިޑް 19 އާ ގުޅިގެން އާމްދަނީ މަދުވުމުގެ ސަބަބުން އެންމެންނަށްވެސް އެކަމުގެ އަސަރު ފޯރާފައިވާ ކަމަށެވެ. ނަމަވެސް އޭގެތެރެއިން ވަރަށް ބޮޑެތި ދައިތައް ކުރިމަތިވެފައިވާ ފަރާތްތައް ހިމެނޭ ކަމަށް އެ މެންބަރުން ވިދާޅުވިއެވެ.

އެގޮތުން މެންބަރުން ފާހަގަކުރެއްވި ފަރާތްތަކުގެ ތެރޭގައި، މަޖޫރީންނާއި، ޓެކްސީ ޑްރައިވަރުންނާއި، ކުނިކަހާ މީހުންނާއި، ރިސޯތުތަކުން ވަޒީފާއިިން ވަކި ކުރި ފަރާތްތަކާއި، ދުވަހު މުސާރައަށް މަސައްކަކުރާ ފަރާތްތަކާއި، ފަރުމަހަށްދާ ފަރާތްތަކާއި، އެފަދަ އެތައް ދާއިރާއެއްގައި ހިމެނޭ ފަރާތްތަކެއް މެންބަރުން ވަނީ ފާހަގަކުރައްވައިފައެވެ.