ޚަބަރު

ޖެނުއަރީ އެކެއްގެ ފަހުން މުއްދަތު ހަމަވެފައިވިޔަސް، އައިޑީކާޑަށް ހިދުމަތް ދިނުމަށް އަންގައިފި

1

ޖެނުއަރީ އެކެއްގެ ފަހުން މުއްދަތު ހަމަވެފައިވިޔަސް، އައިޑީކާޑަށް ހިދުމަތް ދިނުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އަންގައިފިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަމުންގެންދާ މިދަނޑިވަޅުގައި އައިޑީކާޑު ހެދުމުގެ ހިދުމަތް ވަނީ މެދުކަޑާލެވިފައެވެ. އަދި މުއްދަތު ހަމަވެފައިވިޔަސް، އައިޑީކާޑަށް ހިދުމަތް ދިނުމަށް ޑީއެންއާރުން އަންގާފައިވަނީ އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ހިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބިފައިވާތީއެވެ.

ޑީއެންއާރުން ބުނީ އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ 2020 ޖެނުއަރީ އެއްވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބަލައި ހިދުމަތް ފޯރުކޮށްދޭންވާނެ ކަމަށާއި މިގޮތަށް އަމަލު ކުރަމުން ގެންދާނީ އަންނަ ޖޫން މަހުގެ ނިޔަލަށް ކަމަށެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެއެވެ. އެގޮތުން އެންމެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ތިން ގަޑިއިރަށް ކާފިއު ހިންގަން ނިންމުމެވެ. އޭގެ އިތުރުން ސަރުކާރު ބަންދުކުރުމާއި، ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިން އައުން މަނާކުރުން ވެސް ހިމެނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟