ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި ފޯނުން ގުޅުއްވައިގެން ކޮވިޑް 19 ވަބާއާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ރައީސް ސޯލިހާއި ރާޖަޕަކްސަ ފޯނުން ވާހަކަފުޅު ދައްކަވާފައިވަނީ މިއަދު ހެނދުނު އެވެ.
އެ ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ވަނީ ދުނިޔެއަށް ދިމާވެފައި މިވާ ނުރައްކާތެރި ހާލަތުން ދެގައުމު އަރައިގަތުމަށް އަޅާފައިވާ އަދި އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑް 19 ބާރަށް ފެތުރެން ފަށައިފިނަމަ ކުރިމަތިވެދާނެ ދަތިތަކާއި ގުޅިގެން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށާއި ބަލި ފެތުރޭ މިންވަރަށް ފަރުވާދޭ ވަސީލަތްތައް އިތުރުކުރުމާއި ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން މައުލޫމަތު ދެއެވެ.
ކުއްލިއަކަށް ބަލި މީހުން އިތުރުވެދާނެ ހާލަތަކަށް ދުރާލައި ތައްޔާރުވުމުގެ ގޮތުން ބަލިމީހުންނަށް ބޭނުންވާނެ އެނދާއި، އެހެނިހެން ވަސީލަތްތައް ފޯރުކޮށްދެވޭނެ ގޮތްތަކާއި ބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާރުވެސް އަމަކުރަމުން އަންނަ ގޮތްތައް ކަމުގައިވާ ބޭރަށް ނިކުމު އުޅުމުގައި ގައިދުރުކަމަށް އިސްކަންދިނުން ފަދަ ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ފިޔަވަޅުތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ދެގައުމުގެ ލީޑަރުންވެސް ވަނީ މި ހާލަތުން އަރައިގަތުމަށް އެކުގައި މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވާފައި ކަމަށާއި އޭގެ އިތުރުން މި ސަރަހައްދަށް ކުރިމަތިވާ ދަތިތަކުން ސަލާމަތްވުމަށް ސަރަހައްދީ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.