އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން މިހާރު އިއުލާން ކޮށްފައި އޮތް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ކުރިން ފުލުހުން ތަހުގީގު ކުރަމުން އައި މައްސަލަަތައް މިހާރު ކުރިއަށްދާގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241) ކޮމިޓީއަށް ހުށަހަޅައިފި އެވެ.
ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް ހުށަހެޅި މައްސަލަ އާ ގުޅިގެން، 241 ކޮމިޓީއާ ހަވާލު ކުރި މަސައްކަތް ކުރިއަށް ގެންދިއުމަށް، އޮންލައިންކޮށް މިއަދު ބޭއްވި އެ ކޮމިޓީގެ ފުރަތަމަށް ބައްދަލުވުމުުގައި އެ ހުށަހެޅުން ހުށަހެޅުއްވީ އެ ކޮމެޓީގެ ދެ މެންބަރުން ކަމަށްވާ، މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.
މަޖިލީހުން ދެމޭގޮތް ހުށަހަޅައިގެން، ހަތަރުކަމެއްގެ މަސައްކަތް މަޖިލިސް ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ 241 ކޮމިޓީއާ ހަވާލު ކޮށްފައެވެ.
241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ޓޫރިޒަމަށް ކުރާނެ އަސަރުތަކާބެހޭ ފޯކާސްޓެއް ހެދުމަށާއި، ރިސޯޓުތައް އާމްދަނީ ލިބޭ އެހެން މަސައްކަތްކުރެވޭ ތަންތަަނަށް ބަދަލުކުރެވޭނެ ގޮތެއް ހޯދުމުގެ އިތުރުން ކޮވިޑް 19 އާ ގުޅިގެން މިދަނޑިވަޅުގައި ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކީ ކޮބައިތޯ ބެލުމަށް މަޖިލިސް ރައީސް ކޮމިޓީއާ ހަވާލު ކޮށްފައިވާ ކަމަށެވެ.
މި ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ފުލުހުން ކުރިއަށްގެންދާ ބޮޑެތި މައްސަލަތަކާއި މަރު ކޮމިޝަނުން ކުރިއަށްގެންދާ މައްސަލަތަކާ ގުޅުންހުރި މަރުގެ މައްސަަލަތަކާއި ހިޔާނާތުގެ މައްސަލަތައްފަދަ ބޮޑެތި މައްސަލަތައް މިހާރު ކުރިއަށްގެންދާގޮތް އޮޅުން ފިލުވުމަށް އީވާ ހުށަހެޅުއްވިއިރު، ފުލުން ހިންގާ ވަކި ވަކި މައްސަލަތަކާބެހޭ މައުލޫމާތު އޮޅުން ފިލުވުމަށް ހަސަން ލަތީފް ވަނީ ހުށަހަޅުއްވައިފައެވެ.