ކަރަންޓީނުގައި މީހުން ބައިތިއްބާ ރަށެއް ކަމަށްވާ ފަން އައިލެންޑުން ކޮވިޑް 19 އަށް ޓެސްޓު ކުރި 49 މީހުން ކޮވިޑަށް ނެގަޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ ފަން އައިލެންޑް ކަރަންޓީނު ފެސިލިޓީގައި ތިބި 49 ދިވެހިން ކަރަންޓީނުގެ 14 ދުވަސް ހަމަވުމުން ޓެސްޓުކޮށްފައިވާކަމަށެވެ. އަދި ނަތީޖާ ނެގަޓިވް ވުމުން މިއަދު ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.
ކޮވިޑް 19އާ ގުޅިގެން އައިސޮލޭޝަންގައި 11 މީހުން އަދި ކަރަންޓީން ފެސިލިޓީތަކުގައި 881 މީހަކު އެބަ ތިބި ކަމަށް ސަރުކާރުން ބުނެއެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވަނީ 19 މީހެކެވެ. އޭގެ ތެރޭގައި ރާއްޖެއިން ފުރި ފަހުން ބައްޔަށް ޕޮޒިޓިވްވި އިޓަލީގެ ދެ ފަތުރުވެރިންނާއި ހަތަރު ދިވެހިން ހިމެނެއެވެ. މި މީހުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ފަރުވާ ދެމުންދަނީ ހަތަރު ދިވެހިންނަށް އެކަންޏެވެ.
އެޗްޕީއޭއިން ބުނީ ބަލިން ރަނގަޅުވި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލުން ދޫކޮށްނުލާ ހުރީ އިޓަލީގެ ފަތުރުވެރިއެއް ކަމަށާއި އޭނާގެ ފުރަތަމަ ސާމްޕަލް މިދިޔަ މަހުގެ 26 ވަނަ ދުވަހު ނަގައި، ޓެސްޓު ހެދިއިރު ނެގެޓިވް ކަމަށެވެ. ނަމަވެސް އޭނާ ހޮސްޕިޓަލުން ދޫކޮށްލާނީ އަދި ދެ ހަފްތާ ފަހުން ޓެސްޓްކުރުމަށްފަހު ނެގެޓިވްވުމުން ކަމަށް އެ އެޖެންސީން ބުނެއެވެ.