އައްޑޫ ސިޓީގައި ދަނޑުވެރިކަން ކުރަން ބިން ބޭނުންވާ މީހުނަށް ބިން ދޫކުރަން ނިންމައި، އެކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އައްޑޫގައި އަލަށް ދަނޑު ހެއްދުމަށާއި އޮޅު ހެއްދުމަށް ބިން ބޭނުންވާ މީހުން އަވަށު އޮފީހަށް މެއިލް ކުރަމުން ގެންދިއުމަށް އެކައުންސިލުން މި އިއުލާނުގައި ވަނީ އެދިފަ އެވެ.
އައްޑޫ ސިޓީގެ ފުޑް ސެކިއުރިޓީ ޔަގީން ކުރުމަށް ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރު ކުރަން ބޭނުންވާ ކަމަށް މި އިއުލާނުގައި ބުނެފައި ވެއެވެ. އަދި މިހާރު ދަނޑުވެރިކަމަށް ބިން ދޫކޮށްފައިވާ މީހުން ގޮވާން ކުރުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދިއުމަށް ވެސް އައްޑޫ ކައުންސިލުން އެދިފައި ވެއެވެ.
އެ ކައުންސިލުން ވަނީ ދަނޑުވެރިންނަށް ސަރުކާރުން ދޭ އެހީ ބޭނުންވާ މީހުނަށް އެ އެހީ ހޯދައިދިނުމަށް އެކައުންސިލުން މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. އަދި އެ ކައުންސިލުންވެސް ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.
ކޮވިޑް 19ގެ ސަބަބުން ރާއްޖެއަށް މުދާ އިމްޕޯޓު ކުރުމުގައި ދަތިތަކާ ކުރިމަތިވެފައިވާއިރު، ސަރުކާރުން ވަނީ ދިވެހީންގެ ފުޑް ސެކިއުރިޓީ ޔަގީން ކުރުމަށް ރާއްޖޭގައި ދަނޑުވެރިކަންކޮށް ތަކެތި އުފެއްދުމަށް ގޮވާލާފަ އެވެ. އަދި ދަނޑުވެރީން އުފައްދާ ހުރިހާ ތަކެއްޗެއް ގަންނާނެ ކަމުގެ ޔަގީންކަންވެސް ސަރުކާރުން ވަނީ ދީފަ އެވެ.