ޚަބަރު

ލަންކާއަށް ކެއާ ޕެކެޖް ފޮނުވަން އެތައް ބަޔަކު ފުނިޖެހިއްޖެ

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޮޑެތި ދަތިތަކެއް ދިމާވެފައި ވަނިކޮށް އެކަމަށް ސަރުކާރުން ގޮތްތަކެއް ފަހިކޮށްދިނުމަށްފަހު، ހުޅުވާލި ފުރުސަތުގައި، ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކެއާ ޕެކޭޖް ފޮނުވަން ގިނަ އަދަދެއްގެ ބަޔަކު ގްރޭޓާ މާލެ ބަސް ސްޓޭޝަންގައި ހުންނަ މޯލްޑިވިއަން ސިޓީ ޗެކިން އޮފީސް ދޮށަށް އެއްވެ ތޮއްޖެހިއްޖެ އެވެ.

އެ ތޮއްޖެހުމުގައި ގިނަ އަދަދެއްްގެ ބަޔަކު ވަނި ދިގު ކިޔުއެއް ހަދައިފައެވެ.

ގަދަ އަވީގައި އެމީހުން ކިއު ހަދައިގެން ތިބިއިރު ބައެއް މީހުން ތިބީ ހޫނު އަވިން ސަލާމަތްވުމަށް ކަރުދާސްފޮށިގަނޑު ފަދަ އެއްޗެހި ބޮލުގައި އަޅައިގެންނެވެ.

އެ ކިއުގައި ހުރި މީހަކު ވަން އޮންލައިނަށް ބުނީ، މިއީ ވަރަށް ދެރަ ކަމެއް ކަމަށާއި މިފަދަ ދުވަސްކޮޅަކު ކައިރި ކައިރީގައި ކިއުހަދައިގެން ގިނައިރުތަކެއް ވަންދެން ތިބެން ޖެހުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ، އެކަމުގައި މިހާރަށްވުރެ ފަސޭހަ ގޮތެއް ހަމަޖެހެން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ތޮއްޖެހިފައިވާ މީހުންގެ ތެރޭގައި ޒުވާނުންނާއި ދުވަސްވީ މީހުންވެސް ހިމެނެއެވެ. އަދި މި ކިއު މާލޭ އިންޑަސްޓްރިއަލް އޭރިއާއާއި ހަމައަށް ވަނީ ދަމާލައިފައެވެ.

ކޮވިޑް 19 އާ ގުޅިގެން ގައުމުތަކުގެ ވައިގެ ދަތުރުތައް ހުއްޓާލާފައިވާ މި ދަނޑިވަޅުގައި، ސަރުކާރުން ލަންކާގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވޭނެ އިންތިޒާމު ހަމަޖައްސާފައި ވަނީ އެއްވެސް އަގެއް ނުނަގައި ހިލެއެވެ.

މިކަމަށްޓަކައި، ފޮރިން މިނިސްޓްރީން ހަމަޖައްސާފައިވާ މޯލްޑިވިއަންގެ ކާގޯ ފްލައިޓުުން ލަންކާގައި ތިބި އާއިލާތަކަށް ފޮނުވޭނެ ތަކެއްޗާއި ނުފޮނުވޭނެ ތަކެއްޗާއި އެކަމުގައި އަމަލުކުރާނެ ގޮތް ވަނީ އާއްމު ކޮށްފައެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން އާންމުކުރި އިއުލާނުގައި ވަނީ ލަންކާއަށް ކާގޯގެ ގޮތުގައި ފޮނުވޭނީ ލަންކާއިން ލިބެން ނެތް ބޭހެއް ނުވަތަ އެހެނިހެން ވެސް ޒަރޫރީ ކަމެއްގައި ފޮނުވާ ތަކެތި ކަމަށާއި ކޮންމެ އާއިލާއަކަށް ފޮނުވޭނީ ގިނަވެގެން 15 ކިލޯގެ ތަކެތި ކަމަށެވެ.

ކާގޯގެ ގޮތުގައި ފޮނުވޭނެ ތަކެތީގެ ތެރޭގައި ހިމެނެނީ؛
- ޑޮކްޓަރީ ބޭސް (ޑޮކްޓަރުގެ ޕްރިސްކްރިޕްޝަން ސިޓީ އޮންނަންވާނެ)
- މަސް ދަޅު ކޭސް
- ނޫޑްލްސް ކޭސް
- ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
- މަސް ޕެކެޓް/ ފަތް ޕެކެޓް/ ފިހާރަތަކުން ވިއްކާ ޕެކެޓުކޮށް ބަންދުކުރެވިފައިވާ ކާބޯތަކެތި
ކާގޯގެ ގޮތުގައި ނުފޮނުވޭނެ ތަކެތި:
- ފައިސާ
- ރޯމަސް
- ކޭކު
- ހެދިކާ
- މޭވާ
- ތަރުކާރީ

ފޮރިން މިނިސްޓްރީން ބުނީ، ތަކެތި ފޮނުވުމަށް ހާއްސަ ފޯމެއް ތައްޔާރުކޮށްފައިވާނެ ކަމަށާއި އޭގައި ފޮނުވާ މީހާ އަދި ލިބެންވީ މީހާގެ މައުލޫމާތު ހިމަނަން ޖެހޭނެ ކަމަށެވެ. އެ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ. އަދި ކޮންމެ ބުރާސްފަތި ދުވަހެއްގެ ކުރިން ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅަން ޖެހޭނީ އޮންލައިންކޮށެވެ.

މިނިސްޓްރީން ބުނީ، ހުށަހެޅޭ ފޯމް އެޕްރޫވް ކުރުމަށްފަހު ފޯމް ހުށަހަޅާ މީހާއަށް އީމެއިލް ޒަރީޔާއިން ފޮނުވޭނެ ކަމަށާއި އަދި ތަކެތި ގެންދަންވާނީ ފޮށިގަނޑެއްގައި، އެޕްރޫވް ކޮށްފައިވާ ފޯމާއެކު ކަމަށް މިނިސްޓްރީން ބުނެއެވެ. ނަމަވެސް ކޮންމެ ފްލައިޓަކުން ވެސް ކާގޯގެ ގޮތުގައި ގެންދެވެނީ ވަކި އަދަދެއް ކަމުގައި ވާތީ، ފޯމް ހުށަހަޅާ ތަރުތީބަށް އިސްކަން ދެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، ތަކެތި ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ގްރޭޓާ މާލެ ބަސް ސްޓޭޝަންގައި ހުންނަ މޯލްޑިވިއަން ސިޓީ ޗެކިން އޮފީހުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00އަށް ކަމަށެވެ. އަދި ތަކެތި ފޮށިގަނޑުގައި ބަންދުކުރަންވާނީ މޯލްޑިވްސް ކަސްޓަމްސް އާއި އޭވިއޭޝަން ސެކިއުރިޓީން ބެލުމަށްފަހުގައެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ރާއްޖެއިން ފޮނުވާ ތަކެތި ލަންކާގެ ކަސްޓަމްސް އިން ކުލިއާ ކުރުމަށްފަހު، ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ހަވާލުވާނެ ކަމަށާއި އެތަކެތި ލިބެންވީ މީހަކަށް ރައްދު ކުރާނީ ހައިކޮމިޝަން މެދުވެރިވެގެން ކަމަށެވެ.