ޚަބަރު

އިންޑިއާ އިން ފިޔައާއި ބިސް ހިފައިގެން ރާއްޖެއަށް ދަތުރު ކުރި ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މަރިޔަމް ޝަހުދާ

އިންޑިއާ އިން ފިޔައާއި ބިސް ހިފައިގެން ރާއްޖެއަށް ދަތުރު ކުރި މުދާ އުފުލާ ބޯޓެއް ކަމަށްވާ އެމްވީ ވީބީ ޕްރޮގްރެސް ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ އެ ބޯޓުގެ އިންޖީނުގައެވެ. 11 ފަޅުވެރިންނާއެކު ދަތުރުކުރަމުން އައި މި ބޯޓުގެ އެއްވެސް ފަޅުވެރިޔަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ނުލިބޭ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި އަލިފާނުގެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 00:30ގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އަދި އޭރު އެބޯޓު ދަތުރު ކުރަމުން އައީ ރާއްޖޭ ކަނޑުން ބޭރުން ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ މި ބޯޓުގެ ފަޅުވެރިން މިހާރު ބޯޓުގެ އިންޖީނު ހަދައިގެން ރާއްޖެއަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ. އަދި މި ބޯޓަށް މާލެ ބަނދަރަށް އާދެވޭނެ ކަމަށް ލަފާކުރެވެނީ މިއަދު 15:00 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކޮވިޑް 19 ގެ ސަބަބުން އިންޑިއާ އެއްކޮށް ލޮކްޑައުން ކޮށްފައިވާއިރު، އިންޑިއާއިން ރާއްޖެއަށް މުދާ ގެނައުމުގެ މަސައްކަތް ދެގައުމުގެ ސަރުކާރުން ގުޅިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން ބުރާސްފަތި ދުވަހު އިންޑިއާގެ ސިފައިންގެ އެހީގައި ރާއްޖެއަށް ނުގެނެވި ހުރި ބޭސް ޝިޕްމަންޓުތަކެއް ވަނީ ގެނެސްފައެވެ.