ތައިލެންޑުން 10 ޓަނުގެ ކާގޯ ރާއްޖެއަށް މިއަދު ގެނެސްފިއެވެ.
ކޮވިޑް 19އާ ގުޅޭ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ މަންދޫބު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އިއްޔެ ރާއްޖެއަށް އައި ތައިލޭންޑުގެ ބޯޓުން 10 ޓަނުގެ މުދާ ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކާބޯތަކެއްޗާއި ތަކުރާރީއާއި ބޭހުގެ ބާވަތްތަކުގެ އިތުރުން ބައެއް ވިޔަފާރިވެރިންގެ މުދާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
ތައިލެންޑުން 10 ޓަނުގެ ކާގޯ ރާއްޖެ ގެނެސްފައިވާއިރު ދާދިފަހުން މޯލްޑިވިއަނުންވެސް ވަނީ އަވަށްޓެރި ސްރީލަންކާއިން 10 ޓަނުގެ ކާގޯ ރާއްޖެ ގެނެސްފައެވެ. އެކުންފުނީގެ ކާގޯ ފްލައިޓު ލަންކާގެ އިތުރުން އިތުރު ހަތަރު ސަރަހައްދަކަށް ދަތުރު ކުރުމަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އަންނަ ބުދަ ދުވަހު އިންޑިއާގެ ޓްރިވެންޑްރަމާއި ޗެންނާއީއަށް ފްލައިޓެއް ބާއްވަން ނިންމާފައިވާއިރު ބުރާސްފަތި ދުވަހު ބެންކޮކަށްވެސް ދަތުރު ކުރުމަށް މޯލްޑިވިއަނުން ވަނީ ނިންމާފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް އަންނަ ހުރިހާ ފަސެންޖާ ޕްލައިޓްތައް މިހާރު ވަނީ ހުއްޓާލައިފައެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް ވިޔަފާރިވެރިން ގެންނަ މުދާތައް ގެނައުމުގައި ވަނީ ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.