ކޮވިޑް-19އާ ފެތުރި ގިނަ އަދަދެއްގެ މީހުންނަށް އެއްފަަހަރާ ފަރުވާދޭން ޖެހިއްޖެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގައި 300 އެނދުގެ ސިއްހީ ފަރުވާދޭ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތު ދިނުމަށް ކަނޑައަޅާފައި ހުންނަ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައިި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި މަބްރޫކު ވިދާޅުވީ، 24 ގަޑިއިރު މަސައްކަތްކޮށްގެން ހުޅުމާލޭގައި 300 އެނދުގެ ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ފެސިލިޓީގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މި ތަނަކީ ވެސް ހާއްސަ އަޅާލުން ބޭނުންވާ މީހުން ބެލޭނެ ތަނެއް. އަދި ގިނަ އަދަދެއްގެ ވެންޓިލޭޓާ ބެޑްތަކެއް ވެސް މިތަނުގައި އޮޕަރޭޓު ކުރަމުންދާނެ،" މަބްރޫކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފަރުކޮޅުފުއްޓާއި ހުޅުމާލޭގައި ކުރިއަށްދާ މަސައްކަތްތައް ކުރިއަށްދަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ކަމަށެވެ. އޭގެ އިތުރުން އެމްއެންޑީއެފަށް އެހީވުމުގެ ގޮތުން ސްޓެލްކޯ، ފެނަކަ، އަމީން ކޮންސްޓްރަކްޝަން، މަސީ އަދި ޕްލޭނިން މިނިސްޓްރީން ވެސް ބައިވެރިވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހުރީ ޖުމްލަ 97 ވެންޓިލޭޓަރެވެ. އަދި އިތުރު 65 ވެންޓިލޭޓަރު ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށް މަބްރޫކު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފެސިލިޓީތައް ތައްޔާރުވާންވާއިރަށް އައިސީޔޫ ބެޑްތަކުގައި ފަރުވާދެވޭ ފެންވަރަށް ނަރުހުންނާއި ޑޮކްޓަރުން ތައްޔާރު ކުރުމުގެ މަސައްކަތް ޑަބްލިޔުއެޗްއޯއާ ގުޅިގެން އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލުން ކުރަމުން އަންނަ ކަމަށެވެ.