ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ކިބައިން ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުނު ނަމަވެސް އެކަން އިދާރާތަކަށް ނާންގައި، އޭނާ އަނބުރާ ގައުމަށް ފުރައިގެން ދިޔަ މައްސަލައިގެ ތަހުގީގަށް ފުލުހުން އެ ރިސޯޓަށް ހިނގައްޖެއެވެ.
ކޮރޯނާވައިރަހަށް ރާއްޖެ އިން ފުރަތަމަ ޕޮޒިޓިވްވި ދެ މީހުން ފެނުނީ ވެސް ކުރެއްދޫ ރިސޯޓުންނެވެ. އެއީ އެ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފުންނެވެ. އޭގެ ތެރޭގައި އެ ރިސޯޓުގެ ޑޮކްޓަރު ވެސް ހިމެނެއެވެ.
ފުލުހުން ބުނީ، ކުރެއްދޫގައި ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށާއި އެ ރިސޯޓަށް ފުލުހުން ގޮސްފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ލިބިގެން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކޮވިޑް 19އާ ގުޅިގެން ކުރަންޖެހޭ ދަތުރުތައް ކުރުމަށް ކަނޑައަޅާފައިވާ ސީޕްލޭންގައި ކަމަށެވެ.
ފުލުހުން އެ ރިސޯޓަށް ގޮސް ހަރަކާތްތެރިވެފައިވަނީ ކޮވިޑް 19އާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބަލަންޖެހޭ ކަންކަމަށް ބަލައިގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން އެ ރިސޯޓަށް ގޮސްފައިވާއިރު ކުރެއްދޫގެ ގާނޫނީ ވަކީލުންގެ ޓީމު ވެސް އެ ރިސޯޓަށް ވަނީ ގޮސްފައެވެ.
އިޓަލީ ފަތުރުވެރިޔާގެ މައްސަލައިގައި ސީރިއަސް ތުހުމަތުތަކެއް ކުރެވެން ފެށުމުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވަނީ އެކަމުގެ ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހުންނަށް އަންގައިފައެވެ.
އެ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތު ހާމަކުރުމަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފުލުހުންގެ ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، އެސްސިޑެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، އިޓަލީ ފަތުރުވެރިޔާގެ ފަރާތުން ފެންނަމުންދިޔައީ ކޮވިޑް 19ގެ އަލާމާތްތައްކަން އެ ރިސޯޓުގެ ކަމާބެހޭ ފަރާތްތަކަށް އެނގޭ ކަމަށެވެ.
އެގޮތުން ކުރެއްދޫ ރިސޯޓަށް މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އައި އެ ފަތުރުވިޔާ ހުން އައިސްގެން އެ ރިސޯޓުގެ ޑޮކްޓަރަށް ފުރަތަމަ ދެއްކީ ފެބްރުއަރީ 26 ވަނަ ދުވަހު ކަމަށެވެ. ޖެހިގެން އައި ދުވަހު ވެސް ކަރުތެރެއަށް އުދަނގޫވާތީ ފަތުރުވެރިޔާ ޑޮކްޓަރަށް ދެއްކި ކަމަށާއި ނަމަވެސް އެދުވަހު އޭނާގެ ކިބައިން ފެނުނު އަލާމާތްތަކަކީ ކޮވިޑް 19 އަށް ޝައްކު ކުރެވޭ ކަންތައްތަކެއް ކަމަށް ގަބޫލުކުރެވިގެން ކޮވިޓް 19 ހުރިތޯ ޔަގީންކުރަން ރިސޯޓުގެ ޑޮކްޓަރު އިރުޝާދު ދިންކަން ތަހުގީގަށް އެނގިފައިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ، ޑޮކްޓަރުގެ އިރުޝާދާ ގުޅިގެން ފަތުރުވެރިޔާ ޓެސްޓް ހަދަން އިންކާރުކުރިކަން ފާހަގަވެފައިވާ ކަމަށާއި އަދި ފަހުން ފަތުރުވެރިޔާގެ މައްސަލަ އެޗްޕީއޭއަށް ރިޕޯޓްކުރުމާއި ގުޅޭ ގޮތުން ޑޮކްޓަރާއި ރިސޯޓްގެ މެނޭޖްމަންޓުން މަޝްވަރާކުރި ކަމަށެވެ.
ނަމަަވެސް އެގޮތަށް ބަލިވެގެން އެހެން ބައެއް ފަތުރުވެރިން ވެސް ޑޮކްޓަރަށް ދައްކާފައިވާތީ ވަކި ފަތުރުވެރިއެއްގެ މައްސަލަ އެޗްޕީއޭއަށް ހުށަނޭޅުމަށް ރިސޯޓުން ނިންމިކަން ތަހުގީހަށް އެނގިފައިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ. އަދި އޭގެފަހުން އިތުރަށް މަޝްވަރާކުރުމަށްފަހު ރިސޯޓުގެ ޑޮކްޓަރު އެޗްޕީއޭގެ ހޮޓްލައިނަށް ގުޅި ކަމަށާއި ނަމަވެސް ކޮވިޑް 19 އަށް ފަތުރުވެރިޔާ ޝައްކު ކުރެވިފައިވާ އެއްވެސް ވާހަކައެއް ޑޮކްޓަރު ދައްކާފައިނުވާ ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.
އެ މައްސަލައިގައި އެ ޑޮކްޓަރުގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ.
ފުލުހުން އެދިގެން ކުރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ޑޮކްޓަރުގެ މައްޗަށް ކުރަނީ ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުނު ނަމަވެސް އެކަމުގެ މައުލޫމާތު ހުރި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތުން އެ ފަތުރުވެރިޔާ ގައިގައި ބަލި ހުރިކަން ދެނެނުގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުލިބި އޭނާ ފުރައިގެން ގޮސްފައިވުމުގެ ސަބަބުން ކޮވިޑް 19 ރާއްޖޭގައި ފެތުރި، އިތުރު ފަރާތްތަކުގެ ސިއްހަތަށާއި ފުރާނައަށް ނުރައްކާ ކުރިމަތިވުމުގައި އިޓަލީގެ ފަތުރުވެރިޔާއާ އެކި ގޮތްގޮތުން މުއާމަލާތްކުރި ފަރާތްތަކުން އެކަން އަންގަންޖެހޭ ފަރާތްތަކަށް ނާންގާ، އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާކުޑާކޮށް އަމަލުކޮށްފައިވުމެވެ.
އެގޮތުން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓަން މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކުރީ އޭނާއަކީ ބިދޭސީއެއް ކަމުގައިވުމާއި އަދި އެ މައްސަލަ ތަހުގީގު ކުރަން ފެށުމުން އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމަށް މަސައްކަތް ކޮށްފާނެތީ ކަމަށް ބުނެއެވެ.