ޚަބަރު

ކޮވިޑް 19އަށް ހާއްސަކޮށްގެން ހަ ގައުމަކަށް އެހީވުމަށް އައިއޭސީގެ ބޮޑު ކެމްޕޭނެއް

އަލީ ޔާމިން

ކޮވިޑް 19އާ ގުޅިގެން ލޯތްބާއެކު 2020 ޕެންޑެމިކް ރިލީފުގެ ނަމުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އެހީގެ ބޮޑު ކެމްޕޭނެއް ފަށައިފިއެވެ.

އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަން ޑިރެކްޓަރު މުހައްމަދު އަލީ ވިދާޅުވީ، މިއަހަރުގެ ކެމްޕޭން ކުރިއަށްދާނީ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މި އަހަރުގެ ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ކޮވިޑް 19ގެ ބަލިމަޑުކަމަށް ހާއްސަ ކޮށްގެން ކަމަށްވާތީ އެ ޖަމިއްޔާއިން ފޯރުކޮށްދޭ އެހީތެރިކަމުގެ ޕެކޭޖުގެ ތެރޭގައި ހާއްސަ ހައިޖީން ޕެކެއް ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިއޭސީން ބުނީ، ޖުމްލަ 60 ޑޮލަރަަށް ލިބޭ އެ ޕެކޭޖުގެ ދަށުން ހަ މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހުގެ ކާބޯތަކެތީގެ އިތުރުން އެއް މަހުގެ ހައިޖީން ޕެކެއް ދެވޭނެ ކަމަށެވެ.

އައިއޭސީގެ މިއަހަރުގެ ކެމްޕޭން ހާއްސަ ކުރެވިފައިވަނީ ޖުމުލަ ހަ ގައުމަކަށެވެ. އެއީ ނޭޕާލް، ޔުގެންޑާ، ސީރިޔާ، ފަލަސްތީނު، ޔަމަން އަދި ބަންގްލަދޭޝް އާއި މެލޭޝިއާގައި ތިބި ރޮހިންޔާ އަށް ނިސްބަތްވާ ރެފިއުޖީންނަށެވެ.

އައިއޭސީން ބުނީ، ކޮވިޑް 19ގެ ސަބަބުން ބޭރުތެރޭގައި މީހުން އެއްވެ އުޅޭގޮތަށް ހިންގާ އެއްވެސް ހަރަކާތެއް ނުހިންގާނެ ކަމަށެވެ. އެހެންކަމުން އައިއޭސީގެ އެކައުންޓް ނަންބަރު 7770000026259 މެދުވެރިކޮށް އެ ކެމްޕޭނަށް އެހީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ކެމްޕޭނާބެހޭ އިތުރު މައުލޫމާތެއް ބޭނުންނަމަ އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 ގުޅުއްވުމަށް ވެސް އެ ޖަމިއްޔާއިން އެދެއެވެ.

އައިއޭސީން ބުނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީގެ ތަކެތި ފޯރުކޮށް ދިނުމުގައި ބޭރުގެ 10 ޖަމިއްޔާއަކުން ބައިވެރިވާނެ ކަމަށެވެ. އަދި އިންޓަނޭޝަނަލް ފަންޑް ހޯދުމާއި އެއްކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ޔޫކޭގެ އެންޖީއޯއެއް ކަމަށްވާ އޮލިވް ގްރޯވް ހަމަޖެހިފައިވާ ކަމަށް މައުލޫމާތުދެއެވެ.

ކޮވިޑް 19 އާ ގުޅިގެން ހަ ގައުމަކަށް އެހީވުމަށް އައިއޭސީން ބޮޑު ކެމްޕޭނެއް ފަށާފައިވާއިރު އެ ހަރަކާތުން ވަނީ މިދިޔަ މަހުގެ ތެރޭގައި ގާޒާގައި ކަރަންޓީނުގައި ތިބި ރައްޔިތުންނަށް ހައިޖީން ޕެކުގެ އިތުރުން ގޮދަނޑި އާއި ބާލީސް ފޯރުކޮށްދީފައެވެ. މީގެއިތުރުން އައިއޭސީ އާއި އެހީ ޖަމިއްޔާއިން ގުޅިގެން ވަނީ ރާއްޖޭގައި ތިބި ނިކަމެތި އާއިލާތަކަށާއި އައިޖީއެމްއެޗަށް ހައިޖީން ޕެކު ހަދިޔާކޮށްފައެވެ.

ލޯތްބާއެކު ކެމްޕޭނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ އަޙުންނާއި އުހްތުންނަށް އެހީތެރިވުމުގެ ގޮތުން 2018 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން އައިއޭސީގެ ފަރާތުން ކުރިޔަށް ގެންދާ ހަރަކާތެކެވެ.