ކާފިއު އިއުލާންކޮށްފައިވާ ވަގުތުގައި މާލޭގެ މަގުމަތީގައި އުޅުނު 95 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ޑިރެކްޓަރު ޖެެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އިއްޔެ ވަނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00އާ ދެމެދު މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މަގުތަކުގައި އުޅަނދުފަހަރު ދުއްވުމާއި މީހުން އުޅުން ހުއްޓާލުމަށް އަންގައިފައެވެ.
އެ އެންގުމަށް މިއަދު އަމަލުކުރަން ފެށިއިރު ފުލުހުން އިއްޔެ ވަނީ ކާފިއުގެ ވަގުތުގައި ބޭރުގައި އުޅޭ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. އެގޮތުން ފުރަތަމަ ނަސޭހަތްތެރިވެ، އެކަން ތަކުރާރުކުރާނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައިވެއެވެ.
ފުލުހުން މިއަދު ބުނީ، މިއަދު ހަވީރު 5:00 އިން ރޭގަނޑު 8:00 އަކާ ދެމެދު މާލެ ސިޓީ މަގުމަތިން 82 ދިވެއްސަކަށާއި 13 ބިދޭސީއަކަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ. މިއަދު އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައެއް ނުވެއެވެ.
ކާފިއު އިއުލާން ކޮށްފައިވާ ވަގުތުގައި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ)ގެ ހިދުމަތް ހުއްޓާލުމަށާއި އެހެނިހެން ގަޑިތަކުގައި ވެސް އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވަނީ އަންގައިފައެވެ.
ނަމަވެސް ކާފިއު އިއުލާންކުރި ނަމަވެސް ބައެއް ފަރާތްތަކާއި އުޅަނދުފަހަރަށް ދުއްވުން ހުއްދަ އޮވެއެވެ