ކޮވިޑް 19އާ ގުޅިގެން ވަޒީފާ ގެއްލޭ މައްސަލަތަކާއި ވަޒީފާއާ ގުޅޭ އެހެން މައްސަލަތައް ހުށަހެޅުމަށް ހާއްސަކުރެވިފައިވާ ޖޮބް ސެންޓަރަށް މިހާތަނަށް 449 މީހަކު މައްސަލަ ހުށަހަޅާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅައިފައި ހުންނަ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ޖޮބް ސެންޓަރަށް މައްސަލަ ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.
"ޖޮބް ސެންޓަރަށް ރިޕޯޓްކުރާ މީހުންގެ އަދަދުތައް އަންނަނީ އިތުރުވަމުން. އެގޮތުން މިއަދާ ހަމައަށް 449 ފަރާތަކުން ވަނީ މައްސަލަ ހުށަހަޅާފައި،" މަބްރޫކް ވިދާޅުވިއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ވަޒީފާއިން ވަކިކުރާ އެންމެހާ ފަރާތްތައް ޖޮބް ސެންޓަރުގައި ރަޖިސްޓްރީވުމަށް އެދޭ ކަމަށެވެ. އަދި ކޮވިޑް 19 އާ ގުޅިގެން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް މިމަހުން ފެށިގެން ތިން މަސް ދުވަހަށް އިނާޔަތް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި ނަމަވެސް އެ އިނާޔަތް ލިބޭނީ ޖޮބް ސެންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް 19އާ ގުޅިގެން މިހާތަނަށް 11،000 އަށްވުރެ ގިނަ ރިސޯޓު މުވައްޒަފުން ނޯޕޭ ލީވަށް ފޮނުވާލައިފައިވާ ކަމަށް ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް ދި މޯލްޑިވްސް (ޓީމް) އިން ވަނީ ބުނެފައެވެ. އަދި ބައެއް ރިސޯޓުތަކުންނާއި ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމުގެ މައްސަލަތައްވެސް ވަނީ ފެންމަތިވެފައެވެ.