ޚަބަރު

ފަރުކޮޅުފުށި މަރާމާތުކޮށް އަލުން އައިސޮލެޝަން ފެސިލިޓީއަކަށް ބޭނުން ކުރަން ތައްޔާރުކޮށްފި

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި މީހުން އައިސޮލޭޓް ކުރަން ނުވަތަ ކަރަންޓީން ކުރަން އެންމެ ފުރަތަމަ ބޭނުންކުރަން ފެށި ފަރުކޮޅުފުށީގައި ހުރި މައްސަލަތައް ހައްލުކޮށް އަލުން އެތަން ބޭނުންކުރަން ތައްޔާރުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޮންނަ ފަރުކޮޅުފުށީގައި ކަރަންޓީން ކުރަމުންއައީ ކޮވިޑް 19ގެ އަލާމާތްތައް ހުންނަ މީހުންނާއި އެ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހާލު ދެރަވެދާނެ ކަމަށް ބެލެވޭ މީހުންނެވެ. އޭރު އެތަނުގައި 30 އެނދު ހުއްޓެވެ.

ނަމަވެސް އެތަނުގައި މީހުން ކަރަންޓީން ކުރުން ހުއްޓާލައި އެތަން ބަންދުކުރީ މަދަރީގެ އުނދަގުލާއި އެތަނާ ގުޅުންހުރި އެހެން ވެސް ޝަކުވާތަކާ ގުޅިގެން އެތަން މަރާމާތު ކުރުމަށެވެ. އަދި އެތަނުގައި ތިބި މީހުން އއ. ވެލިދޫގައި ގާއިމްކުރި އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރިއެވެ.

މަރާމާތަށްފަހު ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ ހުޅުވުމުގެ ކުރިން މިއަދު ވަނީ އެތަން ނޫސްވެރިންނަށް ދައްކާލައިފައެވެ.

އެގޮތުން ބައެއް ވޯޑުތަކުގައި ދޮރުތައް ހާމައަށް ފެންނަން ހުރުމުން ފިލާ ޖަހައި ބަންދައި، ދޮރުފަތި ދަމާފައިވާއިރު އޭސީކޮށް ޓީވީ ވަނީ ހަރުކޮށްފައެވެ. އަދި އެތަނުގެ އެނދުގެ އަދަދު މިހާރު ވަނީ 50 އަށް އިތުރުކޮށް، ހަތަރު ވޯޑަކަށް ބަހާލައިފައެވެ.

އޭގެ އިތުރުން އައިސީޔޫ ދެ އެނދާއި ޕޯޓަބަލް ވެންޓިލޭޓަރެއް ވެސް އެތަނުގައި ވަނީ ގާއިމްކޮށްފައިވާއިރު މަދިރި އުފެދޭ ގޮތަށް އޮތް ފަރުކޮޅުފުށީގެ ސުވިމިންޕޫލު ފެން ހިންދައި، ފެންގަނޑުވަނީ ކްލޮރިން ކޮށްފައެވެ. އަދި މަދިރި އުފެދުން ހުއްޓުވުމަށް ފެންގަނޑަށް މަސް ލުމަށް ވަނީ ނިންމައިފައެވެ.

މި ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ސިފައިންނެވެ. ސިފައިިންގެ ފަރާތުން މައުލޫމާތުދިން ގޮތުގައި އެތަނުގެ މަރާމާތުގެ މަސައްކަތް ކޮށްފައިވަނީ ވިއްސަކަށް ސިފައިން ވެގެން އެންެމެ ހަތަރު ދުވަހުންނެވެ.

ފަރުކޮޅުފުށީގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮވިޑް 19ގެ ހާލަތާ ގުޅޭ މައުލޫމާތު ދެއްވުމަށް ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އެތަނުގައި ފަރުވާ ދެމުންދާނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެ އަލާމާތްތައް ހުރި މީހުންނާއި މެޑިކަލް ހިސްޓަރީއެއް އޮތުމުން ބަލި ޖެހި ހައިރިސްކަށް ގޮސްދާނެ މީހުން ކަމަށެވެ.

އެގޮތުން އޭގެން މީހަކަށް އިތުރު އަވަސް ފަރުވާއެއް ބޭނުންނަމަ ބަދަލުކުރާނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށް ކަމަށް މަބްރޫކު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ވެލިދޫގައި ތިބި ހަތަރު ދިވެހިން ވެސް ގެނައުމަށް ހަމަޖެހިފައިވަނީ ފަރުކޮޅުފުއްޓަށް ކަމަށެވެ.