ކާފިއުގެ ވަގުތުގައި ޓްރެފިކް ފުލުހުންނާއެކު މާލެތެރެ ޕެޓްރޯލް ކުރުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެވަޑައިގެންފިއެވެ.
ކޮވިޑް 19އާ ގުޅިގެން މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އެ ހާލަތު ރާއްޖޭގައި އިއުލާންކޮށްފައިވާތީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިދޭ ބާރުގެ ދަށުން ވަނީ މިއަދުން ފެށިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ހަވީރު 5:00 އިން ރޭގަނޑު 8:00އަށް ކާފިއު ހިންގުމަށް ނިންމައިފައެވެ.
ކާފިއުގެ ވަގުތުގައި ފުލުހުން މަގުމަތި ޕެޓްރޯލް ކުރުމަށް ހަރަކާތްތެރިވެފައިވާ އިރު، މަގުތައް ފެންނަން އޮތީ ވަރަށް އަމާންކޮށް، ފަޅުކޮށެވެ. މަދު މީހެއް ނޫނީ މަގުތަކުން ފެންނާކަށް ނެތެވެ.
ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެހެން ފުލުހުންނެކޭވެސް އެއްގޮތަށް މާލެ ޕެޓްރޯލް ކުރުމުގައި ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ. މިއީ
މިފަހުގެ ތާރީހެއްގައި މަގުމަތި ޕެޓްރޯލް ކުރުމަށް ކޮމިޝަނަރު އޮފް ޕޮލިހެއް ނުކުމެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ފުލުހުން ބުނީ ކާފިއުގެ ވަގުތުގައި ނުކުމެ އުޅޭ ހުއްދަ ދެވިފައިވާ ފަރާތްތައް ނޫން އެހެން ފަރާތްތަކަށް ނަސޭހަތް ދިނުމަށް ފަހު 1،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.