24 ގަޑިއިރު ވިޔަފާރިކުރުމާ ބެހޭގޮތުން މާލޭ ސިޓީކައުންސިލުން ރައްޔިތުންނާ މަޝްވަރާކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި މިބައްދަލުވުމުގައި އެކައުންސިލްގެ މެމްބަރުންގެ އިތުރުން ބައެއް ރައްޔިތުން ބައިވެރިވިއެވެ.
މިބައްދަލުވުމުގައި 24 ގަޑި އިރު ވިޔަފާރިކުރުމުގެ ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ކަނޑައަޅާފައިވާ އުސޫލު ހުށަހަޅައި އެއުސޫލާ ބެހޭގޮތުން މަޝްވަރާކޮށް ބައްދަލުވުމުގެ ބައިވެރިންގެ ފަރާތުން ވަނި އެބޭފުޅުންގެ ހިޔާލު ހުށަހަޅާފައެވެ.
ބައްދަލުވުމުގެ ބައިވެރިންގެ ހިޔާލު އެކިގޮތަށް ހުރިއިރު ބައެއް މީހުން 24 ގަޑިއިރު ވިޔަފާރިކުރުމަށް ދެކޮޅުހަދައެވެ. އެމީހުންގެ ހިޔާލުގައި 24 ގަޑިއިރު ވިޔަފާރިއަށް ހުޅުވާލުމުން މުޖުތަމައުގައި އިޖްތިމާއީ މައްސަލަތައް ކުރިމަތިވާނެ އެވެ. 24 ގަޑި އިރު ވިޔަފާރިކުރުމަށް ތާއިދު ކުރާ މީހުން ވަނީ މިކަމަށް ވަރަށް ބޮޑަށް ތާއިދުކޮށް ހިޔާލު ހުށަހަޅާފައެވެ. އެމީހުން ބުނީ ރޭގަނޑު ފިހާރަތަކާއި ޕެޓްރޯލް ޝެޑުތައް ހުޅުވުމުން އާންމުންނަށް ފަސޭހަވެގެންދާނެކަމަށެވެ. ހާއްސަކޮށް 24 ގަޑިއިރަށް ޕެޓްރޯލް ޝެޑު ހުޅުވުމުން ދުވާލު ޕެޓްރޯލް ޝެޑްތަކުގައި ބާރު ބޮޑުވާ މިންވަރު ކުޑަވެ ޓްރެފިކަށް ލުއި ލިބިގެން ދާނެކަމަށެވެ. އަދި ފިހާރަތަކާއި ސައި ހޮޓާތައް 24 ގަޑިއިރަށް ހުޅުވުމުން އެންމެ ޒަރޫރީ ބޭނުންތައް ރޭގަނޑު ގަޑީ ކުރެވޭނެކަން ވަނީ ފާހަގަކޮށްފައެވެ.
މިބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން އެދިފައިވާ ގޮތަށް މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާއި މަޝްވަރާކޮށް އެމަޝްވަރާގެ މައުލޫމާތު މިނިސްޓްރީ އާއި ހިއްސާކުރާނެ ކަމަށް މާލޭސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.