ޚަބަރު

ސަރުކާރު މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އުރީދޫގެ ބޮޑު އެހީއެއް

އަލީ ޔާމިން

އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ގުޅިގެން ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން ސަރުކާރުގެ ވިއުގަތަކަށް ހިލޭ ވަދެވޭނޭ ގޮތް ހަދައި، އޮފީސް މަސައްކަތްކުރުން ފަހިކޮށްދިނުމުގެ އިންތިޒާމުތައް ކުރިއަށްގެންދަން ފަށައިފިއެވެ.

މިގޮތުން، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ބޭނުންކުރާ ސަރުކާރު މުވައްޒަފުންނަށް ސަރުކާރުގެ އެކި ޕޯޓަލްތަކަށް ހިލޭ ވަދެވި، އޮންލައިންކޮށް ބާއްވަންޖެހޭ މަޝްވަރާ ބައްދަލުވުންތައްވެސް ކުރިއަށްގެންދެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ މި އިންތިޒާމާ ގުޅޭ އިތުރު މައުލޫމާތު ސަރުކާރު މުވައްޒަފުންނަށް ކަމާ ގުޅުން ހުރި މިނިސްޓްރީތައް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

މިކަމާ ގުޅިގެން، ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން އިންޓަނެޓް ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދިި އުރީދޫ މެދުވެރިކޮށް ސަރުކާރުގެ ޕޯޓަލްތަކަށް ހިލޭ ވަދެވޭނެ މަގު ފަހިކޮށްދީފައިވާތީ އުރީދޫއަށް ޝުކުރު އަދާކުރާ ކަމަށެވެ.

"އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން އިސްނަންގަވައިގެން އަޅުގަނޑުމެންގެ މުޖުތަމައުއަށް ލުއިފަސޭހަ ކޮށްދިނުމަށް ކުރައްވަމުން ގެންދާ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރަން. ހަމަމިއާއެކު، އުރީދޫ ނެޓްވޯކް މެދުވެރިކޮށް ރައްކާތެރިކަމާއެކު ސަރުކާރުގެ ޕޯޓަލްތަކަށް ހިލޭ ވަދެވި، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގައި އަވަސް ހިދުމަތެއް ފޯރުކޮށްދީފައިވާތީ، އުރީދޫ މޯލްޑިވްސްއަށް ހާއްސަ ޝުކުރެއް އަދާ ކުރަން." މިނިސްޓަރު މަލީހު ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ނަޖީބް ހާން ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ ކަމަށާއި އެގޮތުން ކުންފުނިތަކުގެ މަސައްކަތާއި، ދަރިވަރުންގެ ފިލާވަޅުތަކާއި އެކަކު އަނެކާ ދެމެދު ކުރެވޭ މުއާމަލާތްތައް ވެސް ވަނީ މުޅިންހެން އިންޓަނެޓް މެދުވެރިކޮށް ކުރަން ޖެހިފައި ކަމަށެވެ.

ނަޖީބް ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން މުޖުތަމައަށް ދިމާވާ ދަތިތައް ޑިޖިޓަލް ޒަރިއްޔާތައް ބޭނުންކޮށްގެން ލުއި ފަސޭހަކޮށްދީ، ސަރުކާރާއި އަދި ގުޅުންހުރި އެންމެހާ މުއައްސަސާތަކަށް އެއްބާރުލުން ދިނުމުގައި އުރީދޫ ދެމިއޮންނާނެ ކަމަށެވެ.

"އެގޮތުގެ މަތިން ސަރުކާރުން ކުރަމުންގެންދާ މުހިންމު މަސައްކަތްތައް ކުރިއަށްގެންދިއުމަށް، ސަރުކާރު މުވައްޒަފުންނަށް ރައްކާތެރިކަމާއެކު ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިންތިޒާމު ކޮމިއުނިކޭޝަން މިނިސްޓްރީއާ ގުޅިގެން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދިއުމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ނަޖީބް ވިދާޅުވިއެވެ.

މީގެ އިތުރުން އުރީދޫން ބުނީ ކޮވިޑް 19އާ ގުޅިގެން ރައްޔިތުންނަށާއި ސަރުކާރުގެ ވުޒާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް އެ ކުންފުނިން ތައްޔާރަށް އޮންނާނެ ކަމަށެވެ.