ކޮވިޑް 19އާ ގުޅިގެން ހުރި ގޮންޖެހުންތަކާއި ދެވޭނެ ފަރުވާތަކާ ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ދެކުނު އިރުމަތީ އޭޝިއާ (ސީރޯ)ގެ ގައުމުތަކުގެ މެދުގައި ޓެލިކޮންފަރެންސް މެދުވެރިކޮށް މަޝްވަރާކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ރާއްޖޭގެ ފަރާތުން މި ޓެލިކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނެވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑރ. އަރްވިން މާތުރު ކަމަށެވެ.
ސީރޯގެ އިތުރުން ދެކުނު އިރުމަތީގައި ހިމެނޭ އެހެން ގައުމުތައް ވެސް ބައިވެރިވެގެން އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އޭޝިއާގެ ގައުމުތަކުގެ ކޮވިޑް 19ގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި އިޖުތިމާއީ ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކަށް ލިބިފައިވާ ކުރިއެރުންތަކާމެދު މަޝްވަރާ ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
ޑަބްލިޔުއެޗްއޯ ސީރޯގައި ޖުމްލަ 11 މެމްބަރު ގައުމެއް ހިމެނެއެވެ. އެއީ ރާއްޖެއާއެކު ބަނގުލަދޭޝް، ބޫޓާން، ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާ (އުތުރު ކޮރެއާ)، އިންޑިއާ، އިންޑޮނޭޝިއާ، މިޔަންމާ، ނޭޕާލް، ސްރީ ލަންކާ، ތައިލޭންޑް އަދި ޓިމޯ ލެސްޓެ އެވެ.
ކޮވިޑް 19އާ ގުޅޭގޮތުން އޭޝިއާގެ ގައުމުތަކުގައި މެދުގައި މަޝްވަރާކޮށްފައިވާއިރު ރާއްޖޭގައި އެބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މިދިޔަ ބުދަ ދުވަހު މިނިސްޓަރު އަމީން ވަނީ ޑރ. އަރްވިންއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.