ޚަބަރު

ދިރާގު ޕޭއިން އިތުރު ކްރެޑިޓާއި ޑިސްކައުންޓް އަދި ކޭޝް ބެކް އޮފާތަކެއް

އަލީ ޔާމިން

ކޮވިޑް 19އާ ގުޅިގެން ދިރާގުގެ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ދިނުމުގެ ގޮތުންނާއި ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތްތައް ހިންގުމަށް އަހުލުވެރިކުރުވައި، އެކަމަށް ބާރު އެޅުމުގެ ގޮތުން ދިރާގު ޕޭއަށް ހާއްސަ އޮފާތަކެއް އެކުންފުނިން ތައާރަފްކޮށްފިއެވެ.

ދިރާގުން ބުނީ، ކޮވިޑް 19އިން ރައްކާތެރިވުމުގެ ގޮތުން ސާފުތާހިރުވުމަށާއި ގެއިން ބޭރަށް ނުދިއުމަށް ކެނޑިނޭޅި ސިއްހީ މާހިރުން ގޮވާލަމުންދާއިރު، ދިރާގު ޕޭއަކީ މި ދަނޑިވަޅު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ފަސޭހަ އަދި ރައްކާތެރި ހިދުމަތެއް ކަމަށެވެ.

އެގޮތުން މިއަދު ތައާރަފްކުރި އޮފާތަކުގެ ތެރެއިން ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން ދިރާގު ޕޭ މެދުވެރިކޮށް ކުރާ ކޮންމެ ރީލޯޑަލަކަށް 20 އިންސައްތަ ބޯނަސް ކްރެޑިޓް ހިލޭ ލިބިގެންދާނެއެވެ. އަދި އަށް ރުފިޔާ އާއި 500 ރުފިޔާއާ ދެމެދުގެ އަދަދަކަށް ދިރާގު ޕޭ މެދުވެރިކޮށް ރިލޯޑް ކުރެވޭއިރު މި ބޯނަސް ކްރެޑިޓް ލިބިގެންދާނީ މިމަހުން ފެށިގެންފެށިގެން 30 ޖޫން 2020ގެ ނިޔަލަށް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ޕޯސްޓްޕެއިޑް، ފިކްސްޑް ބުރޯޑް ބޭންޑް އަދި ދިރާގު ޓީވީ ކަސްޓަމަރުން ދިރާގު ޕޭ މެދުވެރިކޮށް ބިލް ދެއްކުމުން ޖެހިގެން އަންނަ މަހުގެ މަހު ފީން ފަސް އިންސައްތަ ޑިސްކައުންޓް ލިބިގެން ދާނެ ކަމަށް ދިރާގުން ބުނެއެވެ. މި އޮފާ ވެސް ކުރިއަށްދާނީ 30 ޖޫން 2020ގެ ނިޔަލަށެވެ.

އޭގެ އިތުރުން ދިރާގު ޕޭ މެދުވެރިކޮށް ވިޔަފާރި ކުރައްވާ ފަރާތްތަކަށް މިމަހުން ފެށިގެން ހަތަރު ހަފްތާ ވަންދެން، ކޮންމެ ހަފުތާއަކު އިތުރު ފައިސާ ލިބުމުގެ ނިޒާމެއް މަގުފަހިކޮށްދީފައިވާ ކަމަށް ވެސް ދިރާގުން ބުނެއެެވެ. އެގޮތުން، ކޮންމެ ހަފްތާއަކު ދިރާގު ޕޭ މެދުވެރިކޮށް އެ ހިދުމަތް ލިބޭ ވިޔަފާރިތަކުން މަދުވެގެން 50 ރުފިޔާގެ ފަސް ވިޔަަފާރިކުރާނަމަ، އެ ހަފްތާ ނިމުމުން ދިރާގު ޕޭ ވޮލެޓަށް 50 ރުފިޔާ ޖަމާވެގެން ދާނެއެވެ.

ދިރާގުން ބުނީ، ދިރާގުގެ މި އޮފާތަކާ ބެހޭ އިތުރު މައުލޫމާތު https://www.dhiraagu.com.mv/dhiraagu_pay.aspx އިން ލިބޭނެ ކަމަށެވެ.

ދިރާގު ޕޭގެ ހިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 260 އަށްވުރެ ގިނަ ވިޔަފާރިތަކުން ބޭނުންކުރެއެވެ. އޭގެތެރޭގައި ޑެލިވަރީގެ ހިދުމަތްދޭ މަޝްހޫރު ކެފޭ ރެސްޓޯރަންޓްސް، ޖެނެރަލް ޓްރޭޑިން، ސެލޫންސް އަދި ހޮސްޕިޓަލްތަކާއި މިނޫން ވެސް އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނެއެވެ.

އޭގެ އިތުރުން ގިނަ ވިޔަފާރިތަކުން ދިރާގުޕޭ ގާއިމުކުރަން މަގުފަހި ކޮށްދިނުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ވަނީ މާޗެންޓް ޓްރާންސެކްޝަން ފީ ވެސް ތިން މަސް ދުވަހަށް ނުނަގާ ގޮތަށް މިދިޔަ މަހުން ފެށިގެން ހަމަޖައްސައިފައެވެ. އަދި މިމުއްދަތުގެ ތެރޭގައި އަލަށް ދިރާގު ޕޭ އާ ގުޅޭ ވިޔަފާރިތަކުން ވެސް މި ފީ ތިން މަހަށް ނުނެގުމަށް ވަނީ ނިންމައިފައެވެ.