ރާއްޖޭގައި މަސައްކަތްކުރުމަށް ދީފައިވާ ހުއްދަ ހަމަވެފައިވާ ބިދޭސީންގެ ހުއްދައިގެ މުއްދަތު އިތުރުކުރުމަށް، އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ދެމުންގެންދާ ހިދުމަތަކުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ކޮވިޑް 19އާ ގުޅިގެން ސަރުކާރު ބަންދުކުރަން ނިންމާފައިވާ މުއްދަތު މިމަހުގެ ނުވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމާ ގުޅިގެން އެކްސްޕެޓް އޮންލައިން ސިސްޓަމުން ދޭ ހިދުމަތްތައް ވެސް އެ މުއްދަތުގެ ނިޔަލަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އެ މިނިސްޓްރީން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ދެމުންގެންދާ ހިދުމަތްތަކުގެ ތެރެއިން އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރު ކުރުމަށް ބޭނުންވާ ކޯޓާގެ މުއްދަތު އިތުރުކުރުމުގެ ހިދުމަތާއި އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ހިދުމަތް، ހަފްތާ ބަންދު ފިޔަވައި ކޮންމެ ދުވަހަކު ދޭން ވަނީ ނިންމައިފައެވެ.
އެގޮތުން ކޯޓާގެ މުއްދަތު އިތުރުކުރުމުގެ ހިދުމަތުގެ އިތުރުން އެމްޕްލޯއިމަންޓް އެޕްރޫވު ކުރުމުގެ ހިދުމަތް މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން މިމަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 12:00 އަށް ދެމުންގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ހިދުމަތް ދެމުން ގެންދާނީ އެކްސްޕެޓް އޮންލައިން ސިސްޓަމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.