އަހްމަދު ނިހާން ހުސައިން މަނިކު

އެމްޑީޕީން ކޯލިޝަންގެ އެންމެ މައި ތަނބު، އިތުބާރުގެ ތަނބު ގުޑުވާލައިފި: ނިހާން

އެމްޑީޕީން ކޯލިޝަންގެ އެންމެ މައި ތަނބު، އިތުބާރުގެ ތަނބު ގުޑުވާލައިފި ކަމަށް ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީ "ހަބަރަށްފަހު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ކޯލިޝަންގެ ހާލަތު ގޯސްވެގެންދާނެ ކަން ކުރިން ވެސް އެނގޭ ކަމަށާއި އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ 87 ގޮނޑިއަށް ވާދަކުރަން ނިންމައި، އެ ސުންނާފަތި ކޮށްލީ އެންމެ ރަނގަޅު ތަނބު ކަމަށެވެ.

"މި ކޯލިޝަންގެ ހާލަތު މިއަދާ ހަމައަށް އަންނާނެކަން މިއީ ކުރީއްސުރެ އަޅުގަނޑުމެންނަށް އެނގޭ ކަމެއް. ރަސްމީކޮށް މި ކޯލިޝަންއާ ބެހޭ ގޭގެ އެންމެ މައި ތަނބު އެ ގުޑުވާލީ. އެމީހުން ސުންނާފަތި ކޮށްލީ މި އިމާރާތް އޭގެ މަތީގައި ހަރުލާފައި ހުރި އެންމެ ރަނގަޅު ތަނބު، އެއީ އިތުބާރުގެ ތަނބު. އެ ކޯލިޝަނެއް އުފެއްދުމަށްޓަކައި ބޭނުންވާ އެއް ކަމަކީ އިހުތިރާމާއި ލޯބި،" އޭނާ ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އެމްޑީޕީން މިހާރު ބުނަމުން އެދަނީ ކޯލިޝަންގެ އެއްވެސް ކޮންޓްރެކްޓެއް ނޯންނާނެއޭ އެކަމަކު އެއް ޕާޓީގެ ދެ މީހަކު ސޮއިކޮށްފައި އޮތް ލިޔުމެއް އޮންނާނެ ކަމަށެވެ.

"އެ ލިޔުމުގައި ސޮއިކޮށްފައިވާ އެއް ފަރާތަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، އޭރުގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހު. ދެން އިތުރަށް ސޮއިކޮށްފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް. ދެން މިހާރު މި ވިދާޅުވަނީ އޭގެ އަސްލެއް ނޫނޭ މިއީކީ. ތިމަންނާމެން ލިޔެފައި އޮތް ޑްރާޕްޓް ލިޔުމެކޭ. ތިމަންނާމެން އެގޮތަށް ތިބިކަން ދައްކުވައިދޭ ލިޔުމެކޭ. ތިޔަބައިމީހުން މީގައި ސޮއެއް ނުކުރިއޭ،" އޭނާ ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އެއް ހަރަކުން މުއުމިނެއްގެ ގަޔަށް ދެ ފަހަރު ކައްޓެއް ނުޖެހޭނެއޭ ބުނާ ބުނުން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވަން ޖެހޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކަމަށާއި މިވީ ކުރު މުއްދަތުގެ ތެރޭގައި އެމްޑީޕީ ސަރުކާރުގެ ފޮރިން ޕޮލިސީއާ ގުޅިގެން އުފެދިގެންދިޔަ ހަމަނުޖެހުންތަކާއި ދީނީ ކަންތައްތަކާ ބެހޭގޮތުން އެމްޑީޕީގެ ބައެއް ފަރާތްތަކުން ކޮށްފާނޭ އަމަލަކާ މެދު ފިކުރާ ވާންޖެހޭ މިންވަރު ފެނިގެން ހިނގައްޖެ ކަމަށެވެ.

"އެންމެ ދެ ހަފްތާތެރޭ އަޅުގަނޑުމެންނަށް މިދިޔައީ ފެނިގެން. އެހެންވީމާ އެ ހާލަތުގައި އޮއްވާ މުޅި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 87 ގޮނޑިއަށް އެމްޑީޕީ އެކަނިމާއެކަނި ނުކުންނަން ޖެހޭ ކަމަށް އެމްޑީޕީގެ ވެރިކަމަށް ހުރި ބޭފުޅަކު ނުވަތަ މުހައްމަދު ނަޝީދުގެ ވިސްނުމަށް ގަބޫލުފުޅު ކުރެވޭ ކަމުގައިވާނަމަ، ދެނެއް ކޯލިޝަންގެ އެ ބިނާ އޭގެ ޒާތުގައި އެ ތަނބުތަކުގެ މަތީގައި އެ ފައުންޑޭޝަންގެ މަތީގައި ނުހުންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ނިހާން އިތުރަށް ވިދާޅުވީ މިހާރު ކޯލިޝަން އަރިއަޅާލާފައި އެވަނީ 45 ޑިގްރީއަށް ކަމަށާއި ދެން އެންމެ އަވަހަށް ފެންނާނީ 90 ޑިގްރީއަށް ވެއްޓިގެންދާތަން ކަމަށެވެ. އަދި އެއަށްފަހު 180 ޑިގްރީގެ ހަމަ ލެވަލްއަށް ނިމިގެންދާތަން ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.