ލޮކްޑައުންގެ ސަބަބުން އިންޑިއާގެ ހަތަރު ސަރަހައްދެއްގައި ރާއްޖެއަށް ނުގެނެވި ހުރި ބޭސްތައް އިންޑިއާގެ އެހީތެރި ކަމާއިއެކު އެގައުމުގެ ސިފައިންގެ އެއާފޯސް މަތިންދާބޯޓެއްގައި މިއަދު ރާއްޖެ ގެނެސްފިއެވެ.
ކޮވިޑް 19 އާ ގުޅިގެން އިންޑިއާ ލޮކްޑައުން ކޮށްފައި ވުމާއިގުޅިގެން ދަތުރުފަތުރު ކުރުން ހުއްޓާލާފައިވާތީ އެސްޓީއޯ އިން އޯޑަރުކޮށް ނުގެނެފައި ހުރި 6.2 ޓަނުގެ ބޭސް މިއަދު ގެނެސް ވަނީ ދިވެހި ސަރުކާރާއި ހަވާލުކޮށްފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިޔާތުގައި ފޮރިން މިނިސްޓަރު އަބްދުއްﷲ ޝާހިދު އާއި އިންޑިއާ ސަފީރާއި އެސްޓީއޯގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ މިދަތި ދަނޑިވަޅުގައި އިންޑިޔާ އެއާފޯސް އިން އެގައުމުގެ ހަތަރު އަވަށުގައި ހުރިބޭސް ކޮންމެ ސަރަހައްދެއްގައި ޖެއްސުމަށްފަހު މިއަދު ރާއްޖެ އަށް ފޯރުކޮށްދިނުމުން، އެއީ ރާއްޖެއާއި އިންޑިއާއި ދެމެދު އޮތް ގާތް ގުޅުން އަންގައިދޭ ހެއްކެއް ކަމަށެވެ.
އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާ ސަފީރު ވިދާޅުވީ ރާއްޖެއަކީ އިންޑިއާ އިން އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން ގައުމު ކަމަށެވެ. އަދި ރާއްޖެ އަށް އެހީތެރިކަން ކުރިޔަށް އޮތްތާނގައިވެސް ދޭނެ ކަމުގެ ޔަގީން ކަން ސަފީރު އެރުއްވިއެވެ.
މިއަދު އިންޑިއާއިން ގެނައި ބޭސްތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އާންމު ބަލިތަކުގެ ބޭހާއި، އާތްރައިޓްސް އަދި ކެންސަރަށް ބޭނުންވާ ބޭހެވެ. މިއީ އިންޑިއާ ލޮކްޑައުން އަކަށް ދިޔަފަހުން ރާއްޖެ އަށް ބޭސް ގެނައި ދެވަނަ ފަހަރެވެ. ބޭހުގެ އިތުރުން ކާޑުގެ ބާވަތްތައް ވެސް އިންޑިއާއިން ވަނީ ރާއްޖެ އަށް ފޯރުކޮށްދީފައެވެ.
މިދަނޑިވަޅުގައި ރާއްޖެއަށް ދަތިވިޔަ ނުދީ ބޭހާއި ކާޑުގެ ބާތްތަކުގެ އިތުރުން އެހެނިހެން ބޭނުންތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ދީފައިވާ ކަމަށް ދިވެހި ސަރުކާރުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.