ހުސެއިން އަމްރު

ރާއްޖޭގައި ދަނޑުވެރިކަން އާލާނުވާ މައިގަނޑު ސަބަބަކީ އެކަމުން ލިބޭނެ އާމްދަނީގެ އަދަދު ކަށަވަރު ނުވުން: އަމްރު

މަރިޔަމް ޝަހުދާ

ރާއްޖޭގައި ދަނޑުވެރިކަން އާލާނުވާ މައިގަނޑު ސަބަބަކީ އެކަމުން ލިބޭނެ އާމްދަނީގެ އަދަދު ކަށަވަރު ނުވުން ކަމުގައި އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ ދަނޑުވެރިންނަށް އާމްދަނީއެއް ލިބޭނެ އިގުތިސާދީ މަސައްކަތްތަކެއް ހިންގުން މުހިންމު ކަމަށެވެ. އަދި ރާއްޖޭގައި ދަނޑުވެރިކަމުގެ ބާވަތްތައް މަދީ އެކަމުން ލިބޭ އާމްދަނީއެއް ނޭނގޭތީ ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މަސައްކަތެއް ފަށާއިރު މަސައްކަތުގެ އުޖޫރަ އެނގުން މުހިއްމު ކަމަށެވެ. ނަމަވެސް ރާއްޖޭގައި ދަނޑުވެރިކަން އޮންނަ ގޮތުން މަސައްކަތް ފަށާއިރު އެ މަސައްކަތަށް ލިބޭ އުޖޫރަ ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ދަނޑުވެރިން ހައްދާ ގޮވާމުގެ ފައިސާ ދަނޑުވެރިންނަށް ލިބެން އެތައް ދުވަހެއް ނަގާކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ އެސްޓީއޯ އިން މަސައްކަތްކުރަނީ މިކަންކަން ހައްލުކުރުމަށް ކަމަށާއި އަދި އެސްޓީއޯގެ އެގްރިސެންޓަރަކީ މިކަމަށް އޮތް ހައްލެއް ކަމަށް އަމްރު ވިދާޅުވިއެވެ.

އެގޮތުން އެސްޓީއޯ އެގްރިސެންޓަރުން ދަނޑުވެރިން ތަކެތި ހެއްދުމުގެ ކުރިން އެތަކެތި އެެެސްޓީއޯ އިން ގަންނާނެ އަގު އާންމުކުރާނެ ކަމަށް އަމްރު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ އާމްދަނީ ދެނެގަންނަން ފަސޭހަވާނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.