ވޯޓުފޮށި ތަޅުލައިގެން ނަތީޖާ ބަދަލުކުރުމަކީ ރާއްޖޭގެ ސިޔާސީ މާޒީއެކެވެ. ބޮޑު ކާފާއި ކުޑަކާފުގެ އަސްލު "ސްޓޯރީ" މިހާރުގެ ޒުވާނުންނަކަށް ނުވެސް އެނގޭނެއެވެ. މިއީ ޓްރާންސްޕޭރެންޓް ޒަމާނެވެ. އޮޅުވާލިޔަސް، ހަގީގަތް ވިޔަސް، ވޯޓު ފަދަ ކަންކަމުގެ ނަތީޖާ، "ބަންދު" ކޮށްގެން ގެންގުޅުމަކީ މިއަދުގެ ދިވެހީން ބަލައިގަންނާނެ ކަމެއް ނޫނެވެ. އެކަމަކު މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގެ ހާލަތު އޮތީ މި ގޮތަށެވެ. ޑިމޮކްރެސީގެ ނަމުން ޕާޓީގެ ނަން ބްރޭންޑްކޮށްގެން އައި ޕާޓީން އެތެރޭގެ އިންތިހާބުގެ ނަތީޖާ އިއުލާނު ނުކޮށް 24 ގަޑިއިރު ދަންމާލީ އެވެ.
ޑިމޮކްރެސީގެ އެންމެ ރީތި މިސާލު ދިވެހީންނަށް ދައްކައިދޭނީ ތިމަންނާމެންނޭ ބުނެ، އުފެއްދި ޕާޓީގެ ލީޑާޝިޕުން ބޭއްވި ފުރަތަމަ އެތެރޭގެ އިންތިހާބުގައި ކަންތައް ދިޔައީ ވޯޓުން ވައްކަން ކުރާ އުސޫލުންނޭ ބުނުމުގެ ފުރުސަތު އެބައޮތެވެ. އާންމުން ބުނަނީ މިހެންނެވެ؛ އެއޮތީ ނަތީޖާ ވަގަށް ނަގައިފައެވެ. ހިންގީ ބޮޑު ޖަރީމާއެކެވެ. ހޮވުނީ އެހެން މީހެކެވެ. ހޮވުނުކަމަށް އިއުލާނުކުރީ އެހެން މީހެކެވެ.
އާންމުން އެކަންޏެއް ނޫނެވެ. ޑިމޮކްރެޓްސްގެ އެތެރޭގައި ވެސް ގަބޫލުކުރުންތައް ހުރީ މިހެންނެވެ. ކެމްޕޭންގައި އުޅުނު އިސް މީހުނާއި ވާދަކުރި ކެންޑިޑޭޓުންވެސް ތުހުމަތު ކުރަނީ އިންތިހާބުގެ ނަތީޖާއިން ވައްކަން ކޮށްފި ކަމަށެވެ. ސީދާ އިބާރާތުން މިހެން ނުބުނި ނަމަވެސް، މެސެޖަކީ މިއީ އެވެ.
ޖަރީމާ ތުހުމަތު އެންމެ ބޮޑަށް އޮތީ ޕާޓީގެ ރައީސް ކަމުގެ މަގާމަށެވެ. މި މަގާމަށް ވާދަކުރެއްވީ ޑިމޮކްރެޓްސްގެ މުއައްސިސް، ހަސަން ލަތީފާއި ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިލްޔާސް ލަބީބުގެ ރަނިންމޭޓް، އެސްޓީއޯގެ ކުރީގެ އެމްޑީ، ހުސެއިން އަމްރު އެވެ. ވޯޓުލައި ނިމުނުތާ މާ ގިނައިރެއް ނުވެ ދެން ފެނުނީ ކާމިޔާބީ ފާހަގަކުރާން ފެށިތަނެވެ. ހަސަން ލަތީފު ވިދާޅުވީ އޭނާ މާ ބޮޑުތަނުން ވެސް އިންިތހާބު ކާމިޔާބުކޮށި ކަމަށެވެ. އަމްރު ވިދާޅުވީ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރެއްވީ އޭނާ ކަމަށެވެ. ދެބޭފުޅުންނަށްވެސް މަރުހަބާގެ މެސެޖުތައް އޮހެމުން ދިޔައެވެ.
ޑިމޮކްރެޓްސްއިން ބުނެފައިވާ ގޮތުގައި އެޕާޓީގައި ޖުމްލަ 1043 މަގާމަށް މެންބަރުން އިންތިހާބު ކުރަންޖެހޭއިރު، އޭގެ ތެރެއިން 271 މަގާމަކަށް ވަނީ ކުރީން މީހުން އިންތިހާބު ވެފައެވެ. ހޮނިހިރު ދުވަހު ކުރިއަށްދިޔަ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 5883 މީހަކަށް ލިބިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. ޑިމޮކްރެޓްސްގެ މެންބަރުން ތިބި ހުރިހާ ރަށެއްގައި، ހެނދުނު 10:00 އިން ފެށިގެން، ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިޔަށްދިޔައެވެ.
މައްސަލަ ހޫނުވީ ވޯޓުގެ ދާއިމީ ނަތީޖާ ނުނިކުތުމުންނެވެ. ހޮނިހިރު ދުވަހުގެ ރޭ ވެސް އެ ނަތީޖާއެއް ނުލިބުނެވެ. އެއީ ދިވެހީން މިހާރު ދަންނަ ކަމެއް ނޫނެވެ. އެންމެ ފަހުން ބޭއްވި ދެ ލައްކައަށްވުރެ ގިނަ މީހުން ވޯޓުދިން، ރިޔާސީ އިންތިހާބުގައިވެސް ނަތީޖާ ހަމަ އެރޭ އެގާރަޖެހި އިރު ލިބިއްޖެ އެވެ. އެތެރޭގެ އިންތިހާބުތަކުގެ ނަތީޖާ ދެތިންގަޑިއިރު ތެރޭ ސާފުވުމުގެ ޔަގީންކަން ދިވެހީންނަށް ލިބިފައި އޮންނަތާވެސް އަހަރުތަކެއް ވެއްޖެއެވެ.
ޑިމޮކްރެޓްސްއިން ނަތީޖާ އިއުލާނު ނުކުރީ އެކަންޏެއްވެސް ނޫނެވެ. ވާނުވާއެއްވެސް ނުބުނެއެވެ. މެންބަރުންވެސް، ލީޑަޝިޕުވެސް، ވާދަކުރި ކެންޑިޑޭޓުންވެސް ތިބީ ވާނުވާގައެވެ.
ވޯޓުލައި ނިމުނުތާ 24 ގަޑިއިރު ފަހުން، ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ޕާޓީގެ 3،029 މެންބަރުން މި އިންތިހާބުގައި ވޯޓުލާފައިވާ ކަމަށެވެ. ބާތިލު ވޯޓުގެ އަދަދަކީ 50 އެވެ. އޭގެ ތެރެއިން ހަސަން ލަތީފަށް ވޯޓުލާފައި ވަނީ 1،704 މީހުން، އަދި އަމްރުއަށް ވޯޓުލާފައި ވަނީ 1،300 މީހުން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އަމްރުގެ މައްޗަށް ހަސަން ލަތީފު 404 ވޯޓުގެ ތަފާތަކުން ކުރި ހޯއްދަވާފައިވާ ކަމަށް އިއުލާނު ކުރެއްވިއެވެ. ވޯޓު ލުމުގެ ހައްގު 5883 މީހުނަށް ލިބިފައިވާ އެތެރޭގެ އިންތިހާބެއްގައި 3029 މީހުންގެ ވޯޓު މިއީ ރަނގަޅު އަދަދެކެވެ. އެކަމަކު ޖުމުލަ އަދަދަށް ބަލާއިރު، އާޒިމް ވިދާޅުވި މި އަދަދުތައް ވެސް ދިމައެއް ނުވެއެވެ. އެއްކޮށްލީމާ އަންނަ އަދަދާއި އާޒިމް ދެއްވި އަދަދުތަކުގައި ފަރަގު އެބަހުއްޓެވެ.
މައްސަލައަކީ ހޮވުނު މީހާއެއް ނޫނެވެ. ވޯޓުގެ ޓާން އޯވާއެއްވެސް ނޫނެވެ. އެކަމަކު ވޯޓުގެ ނަތީޖާ އިއުލާނު ނުކޮށް 24 ގަޑިއިރު ފޮށި ހިފަހައްޓައިގެން ތިބުމަކީ މިހާރުގެ ޑިމޮކްރެސީއާ އެއްގޮތަކަށް ވެސް ރައްޓެހި ކަމެއް ނޫނެވެ. އއެއްވެސް ބަޔަކު ބަލައިގަންނާނޭ ކަމެއް ނޫނެވެ. އިންތިހާބުން ބަލިވެވަޑައިގެންނެވި، އަމްރުވެސް ވަނީ މިކަން ފާހަގަކުރައްވައިފައެވެ. ކަންކަން ދިޔައީ ގޯސްކޮށް ދިޔަކަން ވަނީ ފާހަގަކުރައްވައިފައެވެ. މި ފަދަ ގޮތަކަށް ކަންކަން ދިޔައީމާ އެ އިންތިހާބުގެ ނަތީޖާއާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު މާ ބޮޑަށްވެސް އޮންނާނެއެވެ.
ކުރިމަތި ކުރަމުން އަންނަ ތުހުމަތުތަކަށް ޑިމޮކްރެޓްސްގެ ފަރާތުން ހަމަޖެހޭ ޖަވާބެއްވެސް ދެވިފައެއް ނުވެއެވެ.
އެންމެ 3200 މީހުން ވޯޓުލީ، ދެތިންގަޑިއިރު ތެރޭ ނަތީޖާ އިއުލާނު ކުރެވޭ ވަރުގެ އިންތިހާބެއްގެ ނަތީޖާ އިއުލާނު ނުކޮށް "އޮޅުވައިލުމެއް"ގެ ތެރޭގައި ވޯޓު ފޮށި އެއް ދުވަސް ވާންދެން ގެންގުޅުމަކީ ޑިމޮކްރަސީގައި ދެއްކި ގޯސް ނަމޫނާއެކެވެ. ސިޔާސީ ޕާޓީ ތަކުގެ މިފަދަ އިންތިހާބު ތަކަކީ ރައްޔިތުންނަށް ޑިމޮކްރެސީގެ ފިލާވަޅު ނަގައިދޭން ޖެހޭ އިންތިހާބުތަކެވެ. އެހެންވީމާ ޑިމޮކްރެސީގެ ނަމުގައި، ޑިމޮކްރެޓުން މިހޭވީ "ހަޑި" އެކެވެ. މިއީ ޑިމޮކްރެސީގައިވެސް، ޑިމޮކްރެޓްސްގެ ހަޔާތުގައިވެސް އަނދިރި 24 ގަޑިއިރެވެ.