މިންހާ ފާއިޒް ރަޝާދު
ފިލިޕީންސް ގައި އިއުލާނު ކުރި އެއްމަހުގެ ލޮކްޑައުނުގެ އަމުރަށް ނުކިޔަމަންތެރިވާ މީހުންގެ ގަޔަށް ވަގުތުން ބަޑި ޖަހައި މެރުމަށް ފުލުހުންނާއި މިލިޓަރީއަށް އަމުރު ކުރައްވާނެކަމަށް ރައީސް ރޮޑްރިގޯ ޑިޓާޓޭ އިންޒާރު ދެއްވައިފިއެވެ.
"މިއީ އިންޒާރެއް. މި ވަގުތު ސަރުކާރުން ދޭ އިރުޝާދުތަކަށް ކިޔަމަންތެރިވޭ!. މިއީ ވަރަށް ނާޒުކު ވަގުތެއް" ރޭ ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ރޮޑްރިގޯ ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސިއްހީ ފަރާތްތަކާއި ޑޮކްޓަރުންނަށް އަނިޔާ އާއި ފުރައްސާރަ ނުކުރުމަށެވެ. އަދި އެކަމަކީ ގާނޫނީ ކުށެއް ކަމަށެވެ.
"ފުލުހުންނާއި މިލިޓަރީއަށް އަހަރެންގެ އޯޑަރަކީ، މިވަގުތު އެއްވެސް ބަޔަކު އަމިއްލަ ނަފުސަށާއި އެބައެއްގެ އާއިލާއަށް ގެއްލުންވާ ގޮތަށް އުޅޭ ކަމުގައި ވާނަމަ ބަޑި ޖަހާ މަރަންވީ!" ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ސަރުކާރަށް ޖެއްސުން ނުކުރުމަށާއި، ޗެލެންޖު ނުކުރުމަށްވެސް ރައީސް ވިދާޅުވިއެވެ.
މި އިންޒާރަކީ މެނީލާގެ ކޭޒަން ސިޓީގައި އުޅޭ ރައްޔިތުންތަކެއް ލޮކްޑައުނާ ކާތަކެއްތާއި ރިލީފް ސަޕްލައި ނުލިބޭ ކަމަށް ބުނެ އިއްޔެ ކުރި މުޒާހަރާއާއި ގުޅިގެން ދެއްވި އިންޒާރެކެވެ. ފުލުހުން ވަނީ އެ މުޒާހަރާ ރޫޅާލާފައެވެ. އަދި 20 މީހަކު ހައްޔަރުކޮށްފައެވެ.
ފިލިޕީންސްގައި މިހާތަނަށް 2300އަށް ވުރެ ގިނަ މީހުން ކޮވީޑް19 އަށް ޕޮޒިޓިވް ވެފައި ވާއިރު އިއްޔެއާ ހަމައަށް 96 މީހަކު ވަނީ މަރުވެފައެވެ.